ދިވެހިރާއްޖޭގެ ބިމަކީ ގައުމީ އަބްތާލުންގެ ލެއިން ގުރުބާންވެގެން ދިފާއުކޮށްފައިވާ ބިމެއް ކަމަށާއި، މި ފަސްގަނޑުން ޒަޔަނިސްޓުންނަށާއި ޣައިރު ދީންތަކުގެ މީހުންނަށް ވެލިފުކެއްގެ މިންވަރު ވެސް ދޫނުކުރެވޭނެ ކަމަށް ގާނޫނީ ވަކީލު އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން އަލީ ހުސައިން ވިދާޅުވީ، ދިވެހި ފަސްގަނޑަކީ އަލިރަސްގެފާނާއި ކަލާފާނާއި އަލީ ޚަތީބު ތަކުރުފާނު އަދި ޝަހީދު ހުސައިން އާދަމް ފަދަ އެތައް އަބްތާލުންނެއްގެ ލޭ އޮހޮރުވާލައިގެން ދަމަހައްޓާފައިވާ ގައުމެއް ކަމަށެވެ. އަދި ދިވެހިންގެ ނާރުތަކުގައި ހިނގަނީ ބޮޑުތަކުރުފާނާއި ދޮންބަންޑާރައިންގެ ލޭ ކަމަށާއި، ދިވެހި ރައްޔިތުން ތިބީ ނިދާފައި ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އަޅުގަނޑުމެންނަކީ ބޮޑުތަކުރުފާނުގެ ލޭ ހިނގާ ދިވެހި ދަރީން. އަޅުގަނޑުމެންނަކީ ދޮންބަންޑާރައިގެ ލޭ ހިނގާ ދިވެހި ދަރީން. އަޅުގަނޑުމެންގެ ނާރުތަކުގައި ހިނގަނީ ސީދާ ދިވެހި ލޭ. އެ ދިވެހި ލޭ ހިނގާހާ ހިނދަކު އަޅުގަނޑުމެންނަކަށް ޒަޔަނިސްޓުންނަކަށް އަދި ޣައިރު ދީނުގެ މީހުންނަކަށް މި ބިމުން ހަމަ ހަޤީޤަތުގައި ވެސް ވެލިފުކެއްގެ މިންވަރު ވެސް ދޫކުރާކަށް ނޫން މި ތިބީއަލީ ހުސެއިން
ރަސްމާލެ މަޝްރޫއަށް އިޝާރާތްކުރައްވައި އަލީ ހުސައިން ވިދާޅުވީ، މާލޭގައި ބޯހިޔާވަހިކަމަށް އިންތިހާއަށް ބޭނުންވެފައިވާ 58،000 އާއިލާ ގޯއްޗާއި ބޯހިޔާވަހިކަމަށް އެދި ތިއްބައި، އެ ބިންތައް ބޭރު ބަޔަކަށް ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު، ވެރިކަމާ ހަވާލުވެވަޑައިގެންނެވީ އިސްލާމްދީނުގެ ދިފާއުގައި މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެ ކަމުގައި ވިޔަސް، ސައްތައިން ސައްތަ މުސްލިމް މި ފަސްގަނޑުގައި ޣައިރު ދީންތަކުގެ މީހުންނާއި ޒަޔަނިސްޓުން އާބާދުކުރުވުމަކީ އިސްލާމްދީނަށް ދެވޭނެ އެންމެ ބޮޑު އަނިޔާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންކަމުން މިފަދަ ކަންކަން ކުރައްވާ ބޭފުޅަކަށް ރައީސް މުއިއްޒު ވެވަޑައިނުގެންނެވުމަށް އަލީ ހުސައިން ގޮވާލެއްވި އެވެ. އަދި ރައީސް މުއިއްޒަށް ތާއީދުކުރައްވާ ފަރާތްތަކުން ވެސް އެ ފަރާތްތަކުގެ ނަމުގައި މިފަދަ ކަންކަން ވިޔަނުދިނުމަށާއި، ގައުމަށް ޣައްދާރުވާ ބަޔަކަށް ނުވުމަށް އޭނާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.