ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން ފަރުވާ ހޯދުމަށް މީހަކު އެ ހޮސްޕިޓަލަށް ގެންދާ ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ. 

މިއަހަރުގެ ދުނިޔޭގެ ސްޓްރޯކް ދުވަހާ ގުޅިގެން، ސްޓްރޯކަށް މީހުން ހޭލުންތެރި ކުރުވުމަށް އައިޖީއެމްއެޗުން ވަނީ ޚާއްސަ ހަރަކާތްތަކެއް ފަށާފަ އެވެ.

މިދުވަހާ ގުޅިގެން ހޭލުންތެރި ކުރުމަށް އެކިއެކި ޕޯސްޓުތަކާއި، ވީޑީއޯތައް ސޯޝަލް މީޑިއާގައި އާއްމު ކުރަމުންދާއިރު، އެ ހޮސްޕިޓަލުން އެކްސްގައި އާއްމުކޮށްފައިވާ ވީޑިއޯއެއްގައި، ނިއުރޮލޮޖިސްޓް ޑރ. ސަލްމާން ނިޒާމް ވަނީ، ސްޓްރޯލް ޖެހިގެން ކޮންމެ 16 ގަޑިރިއަކުން މީހަކު އެ ހޮސްޕިޓަލަށް ގެންދާކަން ހާމަކުރައްވާފަ އެވެ. 

ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައިނުވެ އެވެ.

މީގެ އިތުރުން އައިޖީއެމްއެޗުން ބުނީ، ކޮންމެ މިނެޓަކީ ވަރަށް މުހިންމު މިނެޓެއް ކަމަށާއި، ވަގުތު ފާއިތުވުމުގެ ކުރިން، ސްޓްރޯކް ޖެހުމުގެ ފުރުސަތު އޮތް މިންވަރު ދެނެގަނެވޭނެ ކަމަށެވެ. އަދި ގިނަ ސްޓްރޯކްތަކަކީ ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިފިނަމަ، ދިފާއު ވެވިދާނެ ކަމެއް ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. 

އެގޮތުން، ލޭގެ ޕްރެޝަރާއި ހަކުރުގެ މިންވަރުގެ އިތުރުން ސްޓްރޯކް ޖެހުމުގެ ނުރައްކާ އޮތް މިންވަރު ބެލުމަށް އެ ހޮސްޕިޓަލުން އިލްތިމާސްކޮށްފައިވެ އެވެ.

ސްޓްރޯކް ޖެހިގެން ކޮންމެ 16 ގަޑިއިރަކުން ފަރުވާ ހޯދުމަށް އައިޖީއެމްއެޗްއަށް މީހުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވާއިރު، މިފަހުން ސްޓްރޯކް ޖެހޭ ނިސްބަތް އިތުރު ކަމަށާއި، ޒުވާނުން ވެސް ވަރަށް ބޮޑަށް މި ނުރައްކަލަށް ހުށަހެޅޭ ކަމަށް ސިއްހީ މާހިރުން ވިދާޅުވެފައިވެ އެވެ.

އެހެންކަމުން ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުކޮށް، ސިއްހިތަށް ފައިދާ ހުރި ކާނާ ކެއުމާއި، ނުރަނގަޅު އާދަތަކުން ދުރުވެ، ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް އިރުޝާދު ދީފައިވެ އެވެ.