ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް
ރަށު ކައުންސިލްތަކުގެ ފަރާތުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ
ފަރާތުން އިންތިޚާބުކުރާ މެންބަރުން ހޮވުމަށް ބޭއްވި އިންތިޚާބު ވެރިކަންކުރާ ޕީއެންސީން
ކާމިޔާބުކޮށްފި އެވެ.

 މި އިންތިޚާބަކީ
އެލްޖީއޭގެ ބޯޑުގައި ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީތައް ތަމްސީލުކުރާނެ މެންބަރުން
ކަނޑައެޅުމަށް ބޭއްވުނު އިންތިޚާބެކެވެ.

އެލްޖީއޭގެ ބޯޑު އެކުލެވިގެންވާ ގޮތަށް ބަލާއިރު،
ސިޓީ ކައުންސިލްތަކުގެ މޭޔަރުންގެ ތެރެއިން މެންބަރަކާއި، ރަށު ކައުންސިލްތަކުގެ ރައީސުންގެ
ތެރެއިން މެންބަރެއްގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ
ރައީސުންގެ ތެރެއިން މެންބަރަކު ބޯޑަށް އިންތިޚާބު ކުރަންޖެހެ އެވެ.

މީގެ ތެރެއިން ސިޓީ ކައުންސިލްތަކުގެ ފަރާތުން
ބޯޑު މެންބަރުކަމަށް ކުރިމަތިލެއްވީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް
އެކަނި ކަމަށްވާތީ، އޭނާ ވަނީ އިންތިޚާބަކާ ނުލައި އެ މަޤާމަށް ހޮވިފަ އެވެ.

ބޯޑުގެ ބާކީ އޮތް ދެ މަޤާމަށް މެންބަރުން ހޮވުމަށް
ބޭއްވި އިންތިޚާބު ކުރިއަށްދިޔައީ ހޮނިހިރު ދުވަހު އެވެ. މި އިންތިޚާބުގެ ވަގުތީ ނަތީޖާ
ދައްކާގޮތުން، ރަށު ކައުންސިލްތަކުގެ ރައީސުންގެ ތެރެއިން އެލްޖީއޭ ބޯޑަށް އިންތިޚާބުވެވަޑައިގަތީ
ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހުމަދު އެވެ. އޭނާއަކީ ސަރުކާރު ހިންގާ ޕީއެންސީގެ
ކެންޑިޑޭޓެކެވެ.

މީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ
ކޮމިޓީތަކުގެ ރައީސުންގެ ފަރާތުން އެލްޖީއޭ ބޯޑަށް އިންތިޚާބުވެވަޑައިގަތީ ނ. މަނަދޫ
ކައުންސިލްގެ ރައީސް އަލީ ޒާފިރު ކަމަށް ނަތީޖާއިން ދައްކަ އެވެ. މިއާއެކު މި އިންތިޚާބު
ބޭއްވި ދެ ގޮނޑި ވެސް ކާމިޔާބުކޮށްފައިވަނީ ޕީއެންސީންނެވެ.

ލޯކަލް ގަވަމަންޓް އޮތޯރިޓީއަކީ ރާއްޖޭގެ އިދާރީ
ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، ކައުންސިލްތަކުގެ މަސައްކަތްތައް
ވިލަރެސްކޮށް ބަލަހައްޓާ މައި އިދާރާ އެވެ.