ރައީސް ޑރ
މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ޑިކްޓޭޓަރޝިޕެއް އާންމުކުރުމަށް ރައްޔިތުންގެ އަނގަބަންދުކުރުމުގެ
މަސައްކަތްތައް ރާވަމުންދާކަމަށް ޤާނޫނީ ވަކީލު މުސްތަފާ ހަމީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ
ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަކީލު މުސްތަފާ ހަމީދު ވިދާޅުވީ، ތަނެއްގައި
ޑިމޮކްރަސީއާ ޚިލާފުވެ ޑިކްޓޭޓަރޝިޕެއް އާންމުކުރަން ބޭނުންނަމަ އެންމެ ފުރަތަމަ ކުރާ
ކަމަކީ އެތަނެއްގައި އުޅޭ އާންމު ރައްޔިތުންގެ އަނގަ ބަންދުކޮށްލުން ކަމަށެވެ. އަދި
މިހާރު ރައީސް މުއިއްޒުގެ ވެރިކަމުގައިވެސް ފެންނަމުންދަނީ ހަމަ އެ މަންޒަރުކަމަށް
އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ،
އެކި އުކުޅުތައް ބޭނުންކޮށްގެން ރައްޔިތުންގެ އަނގަ ބަންދުކުރަމުންދާއިރު، އެކަމަށްޓަކައި
ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ނިޒާމުގެ ބޭނުންވެސް މި ސަރުކާރުން ގެންދަނީ ހިފަމުންކަމަށެވެ.
ރަސްމާލެ
މައްސަލައާ ގުޅިގެން ވަކީލު މުސްތަފާ ހަމީދު ވިދާޅުވީ، އެކަމާ ދެކޮޅަށް ވާހަކަދައްކަމުންދާ
ރައްޔިތުންގެ އަޑުކަނޑުވާލުމަށް މި ސަރުކާރުން ދަނީ ޕްލޭންތައް ރާވަމުން ކަމަށެވެ. އަދި
ރަސްމާލެ މަޝްރޫއާ ގުޅޭގޮތުން މި ސަރުކާރުން ދައްކަމުންދާ ވާހަކަތަކަށް ބަލާއިރު، ބޮޑެތި
ފުށުއެރުންތަކެއް އެބަހުރިކަމަށާއި، ސުވާލު އުފެދޭ އެތައް ކަންތައްތަކެއް އެބަހުރިކަމަށް
އޭނާ ވިދާޅުވި އެވެ.
ވަކީލު މުސްތަފާ
ހަމީދު ވަނީ ރައީސް މުއިއްޒު ވެސް މި މަޝްރޫއާ ގުޅޭގޮތުން އެތައް ދޮގުތަކެއް
ހައްދަވަމުންދާކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
އޭނާ ވިދާޅުވީ،
ރަސްމާލެއިން ވެލިފުކެއް ވެސް ބޭރުގެ ބަޔަކަށް ނުދެއްވާނެކަމަށް ރައީސް ވިދާޅުވިނަމަވެސް،
މިއަދު ފެންނަމުންމިދަނީ ހީލަތްތެރި ރޭވުމެއްގެ ތެރެއިން މިތަނުގައި ޔަހޫދީން އާބާދުކުރަން
މަސައްކަތްކުރަމުންދާ މަންޒަރު ކަމަށެވެ.
ދައުލަތުގެ
އިގްތިސާދަށް ގެއްލުންދޭ އަމަލުތައް ޖިނާއީ ކުށަކަށް ހެދުމަށް ގާނޫނުލްއުގޫބާތަށް
އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން މި ދަނޑިވަޅުގައި މަޖިލީހަށް ހުށަހަޅާފައިވާއިރު،
މިއީ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން އެކިއެކި ކަންބޮޑުވުންތައް ފާޅުކޮށް އަޑުއުފުލާ
ފަރާތްތައް ހުއްޓުވުމަށް ކުރާ ކަމެއް ކަމަށް ބުނެ އާންމުން އަންނަނީ ކަންބޮޑުވުން
ފާޅުކުރަމުންނެވެ.