22 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 37.21 ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

ފިނޭންސް މިނިސްޓްރީ އިން އާންމު ކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުގައި ވާ ގޮތުން 22 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ޚަރަދު ވަނީ 37.21
ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު
17.0 އިންސައްތައިގެ އިތުރުވުމެކެވެ. މީގެ ތެރޭގައި ހިންގުމުގެ ޚަރަދު ނުވަތަ
ރިކަރަންޓް ޚަރަދު 32.00 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފައިވާއިރު، ތަރައްޤީގެ
މަޝްރޫޢުތަކަށް ކުރާ ކެޕިޓަލް ޚަރަދު ވަނީ 5.21 ބިލިއަން ރުފިޔާއަށް
އިތުރުވެފަ އެވެ.

މި
މުއްދަތުގެ ތެރޭގައި ކައުންސިލްތަކަށް ދޫކުރި ގްރާންޓް 15.9 އިންސައްތަ އިތުރުވެ،
2.08 ބިލިއަން ރުފިޔާއަށް ވަނީ އަރާފަ އެވެ. ކެޕިޓަލް ޚަރަދުތަކުގެ ތެރެއިން ބިން
ހިއްކުމާއި ބިން ބެލެހެއްޓުމުގެ މަޝްރޫޢުތަކަށް ކުރި ޚަރަދު 89.7 އިންސައްތަ އިތުރު ވެފައި ވެ އެވެ. އަދި އިމާރާތްތަކާއި ބިމަށް ކުރި ޚަރަދު
ވެސް ވަނީ 1.69 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.

އިތުރު
ޚަރަދުތަކަށް ބަލާއިރު، ސަބްސިޑީއަށް ކުރި ޚަރަދު 58.6 އިންސައްތަ އިތުރުވެ 4.31
ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، އާސަންދަ ޚަރަދު ވަނީ 1.94 ބިލިއަން
ރުފިޔާއަށް މައްޗަށް ގޮސްފަ އެވެ. މުސާރަ އާއި ޕެންޝަނަށް ކުރި ޚަރަދު 12.05
ބިލިއަން ރުފިޔާއަށް އިތުރުވެފައިވެ އެވެ.

22 އޮކްޓޫބަރު 2026 ގެ ނިޔަލަށް ދައުލަތުގެ މާލީ ހާލަތަށް
ބަލާއިރު، ޕްރައިމަރީ ސާޕްލަސްގެ ގޮތުގައި 0.27 ބިލިއަން ރުފިޔާ
ރެކޯޑުކުރެވިފައިވީ ނަމަވެސް، ޖުމްލަ ފިސްކަލް ބެލެންސް ހުރީ 3.85 ބިލިއަން
ރުފިޔާގެ ޑެފިސިޓެއްގައެވެ.

އެ މުއްދަތުގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ
އާއި ހިލޭ އެހީގެ މިންވަރު 33.36 ބިލިއަން ރުފިޔާ އަށް އަރާފައިވާއިރު، މިއީ 2025
ވަނަ އަހަރުގެ އެ މުއްދަތުގައި ލިބުނު 31.60 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 5.6
އިންސައްތައިގެ ކުރިއެރުމެކެވެ. 

ދައުލަތުގެ
އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 9.8
އިންސައްތަ އިތުރުވުމެވެ. އެގޮތުން މިދިޔަ އަހަރުގެ މި މުއްދަތުގައި ޓެކްސް
އާމްދަނީގެ ގޮތުގައި 23.44 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރު މި އަދަދު
ވަނީ 25.73 ބިލިއަން ރުފިޔާއަށް މައްޗަށް ގޮސްފަ އެވެ.

ފަތުރުވެރިކަމުގެ
ދާއިރާއިން ނަގާ މުދަލާއި ޚިދުމަތުގެ ޓެކްސް (ޓީޖީއެސްޓީ) އަކީ ދައުލަތުގެ
އާމްދަނީގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއް ބާވަތެވެ. ޓީޖީއެސްޓީގެ
ގޮތުގައި ލިބުނު އާމްދަނީ 5.7 އިންސައްތަ އިތުރުވެ، 8.87 ބިލިއަން ރުފިޔާއަށް ވަނީ
އަރާފަ އެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ 2.6
އިންސައްތަ އިތުރުވެ، 1.78 ބިލިއަން ރުފިޔާއަށް ވަނީ މައްޗަށް ގޮސްފަ އެވެ.

އާމްދަނީ
ލިބޭ އެހެނިހެން ދާއިރާތަކަށް ބަލާއިރު، ވިޔަފާރި އާއި މުދަލުން ނަގާ ޓެކްސް 21.8
އިންސައްތަ އިތުރުވެ، 5.97 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އިމްޕޯޓް ޑިއުޓީ 11.0
އިންސައްތަ އިތުރުވެ 2.82 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު މުދަލާއި
ޚިދުމަތުގެ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި 4.46 ބިލިއަން ރުފިޔާ ވަނީ
ލިބިފަ އެވެ. ޓެކްސް ނޫން އާމްދަނީގެ ތެރެއިން ރިސޯޓުތަކުގެ ކުލިން ލިބުނު އާމްދަނީ
އާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީއަށް ވެސް ވަނީ ކުރިއެރުން ލިބިފަ އެވެ. ނަމަވެސް،
ޖުމްލަގޮތެއްގައި ޓެކްސް ނޫން އާމްދަނީ ވަނީ 9.5 އިންސައްތަ ދަށްވެފަ އެވެ.