ބޭންކް އޮފް މޯލްޑިވްސް އާއި
އެސްއެމްއީ ޑިޖިޓަލް ގުޅިގެން ތައާރަފްކޮށްފައިވާ ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގެ ދެވަނަ ފިޔަވައްސަށް
އެޕްލިކޭޝަން ބަލައިގަތުން ހުޅުވާލައިފި އެވެ.

މި
ފައިނޭންސިންގ ފެސިލިޓީއަކީ ރާއްޖޭގެ ހުނަރުވެރި ޒުވާނުންގެ ބައިވެރިވުން ހިމެނޭ
ވިޔަފާރި ހިޔާލުތައް ހަގީގަތަކަށް ބަދަލުކޮށްލުމަށް ބޭނުންވާ މާލީ އެހީތެރިކަން
ލުއިފަސޭހަ ގޮތެއްގައި ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ފައިނޭންސިންގ އެއް ކަމަށް ބީއެމްއެލް އިން ބުނެ އެވެ. 

ޔޫތު
އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގ ހާއްސަކުރެވިފައިވަނީ 18 އަހަރާއި 30 އަހަރާ
ދެމެދުގެ ޒުވާނުންނަށެވެ. މި ފެސިލިޓީގެ ދަށުން، އެއްވެސް ހަރަދެއް އަމިއްލަ
އަތުން ކުރަން ނުޖެހި އަދި އެއްވެސް ރަހުނަކާ ނުލައި 150،000 ރުފިޔާއާ ހަމައަށް
ފައިނޭންސިންގ ދޫކުރުމަށް ހަމަޖެހިފައިވެ އެވެ. އަހަރަކަށް %7 ގެ ފައިދާ ރޭޓެއްގައި
ދޫކުރާ މި ފައިނޭންސިންގ އަނބުރާ ދެއްކުމަށް 6 މަހުގެ ގްރޭސް ޕީރިއަޑެއް ހިމެނޭހެން ޖުމްލަ 5 އަހަރުގެ
މުއްދަތެއް ލިބޭނެ އެވެ. 

މި ފިޔަވަހީގެ ދަށުން ފައިނޭންސަށް އެދި
ހުށަހެޅުމުގެ ކުރިން، ވިޔަފާރީގެ މާލީ ހިސާބުތައް ބަލަހައްޓާނެ ގޮތް ޒުވާނުންނަށް
ދަސްކޮށްދިނުމަށާއި، ފައިނޭންސިންގ އެހީތެރިކަމާއެކު ވިޔަފާރި ހިންގުމުގައި
ސަމާލުކަން ދޭންޖެހޭ މުހިންމު ކަންކަމަށް އަހުލުވެރިކުރުވުމުގެ މަގުސަދުގައި އޮންލައިންކޮށް
ފުރިހަމަކުރަންޖެހޭ މާލީ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ވަނީ ތައްޔާރުކޮށްފަ އެވެ. އަދި،
އެޕްލިކޭޝަން ހުށަހެޅުމުގެ ކުރިން މި ޕްރޮގްރާމް ފުރިހަމަ ކުރަން ޖެހޭނެ އެވެ.

މިގޮތުން،
އެސްއެމްއީ ޕޯޓަލް މެދުވެރިކޮށް މި ޕްރޮގްރާމް ނިންމުމުން، މި ފިޔަވައްސަށް
ކަނޑައަޅާފައިވާ ޖުމްލަ ފައިނޭންސިންގެ އަދަދު ހަމަވަންދެން ބީއެމްއެލް ސްވައިޕް
އެޕް ބޭނުންކޮށްގެން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.

ޔޫތު އޮންޓްރަޕްރިނަރޝިޕް ފައިނޭންސިންގއާ
ގުޅޭ ގޮތުން އެސްއެމްއީ ޑިޖިޓަލްގެ ސީއީއޯ ބަދުރުއްދީން ހަސަން ވިދާޅުވީ އަލަށް ތައާރަފު ކުރި މި ފައިނޭންސިންގެ ފުރަތަމަ ފިޔަވައްސަށް ލިބުނީ
އުއްމީދުކުރި ވަރަށްވުރެ ބޮޑު ތަރުހީބެއް ކަމަށެވެ. އަދި ފެނިގެން ދިޔައީ
މިފަދަ ފައިނޭންސިންގ ފުރުސަތުތަކެއް ޒުވާނުން ބޭނުންވެފައިވާ ތިބިކަން ކަމަށާ އެހެންކަމުން، ޒުވާނުންނަށް އެމީހުން ބޭނުންވާ ފަދަ މަސައްކަތް ކުރުމުގެ ފުރުސަތު
މި ފައިނޭންސިންގ މެދުވެރިކޮށް ހޯދައި ދެވިފައިވާ ކަމީ ލިބުނު
އުފަލެއް ކަމަށެވެ. 

ޔޫތު
އޮންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގެ ފުރަތަމަ ފިޔަވަހި ކާމިޔާބުކަމާއެކު ނިންމާލިއިރު،
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި 3،000 އަށް ވުރެ ގިނަ ޒުވާން ވިޔަފާރިވެރިންނަށް
300 މިލިއަން ރުފިޔާއަށް ވުރެ އިތުރު އަދަދެއްގެ ފައިނޭންސިންގ ވަނީ ފޯރުކޮށްދީފަ އެވެ.