ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް ބާއްވައިފި އެވެ.

ސަރުކާރުން ކުރިއަށްގެންދާ ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއުގެ ދަށުން، ކުޅުދުއްފުށި ސިޓީގައި ގަސް އިންދުމުގެ ޚާއްސަ ހަރަކާތެއް އާދީއްތަ ދުވަހު ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ހަރަކާތަކީ ކުޅުދުއްފުށި ސިޓީ ކައުންސިލާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ކުޅުދުއްފުށި ކެމްޕަހުގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ހިންގި ހަރަކާތެކެވެ.

މި ހަރަކާތުގައި ކުޅުދުއްފުށި ސިޓީގެ ޑެޕިއުޓީ މޭޔަރާއި ސިޓީ ކައުންސިލަރުންނާއި އެމްއެންޔޫ ކުޅުދުއްފުށީ ކެމްޕަހުގެ މެނޭޖަރުގެ އިތުރުން ގިނަ ފަރާތްތަކަކުން ބައިވެރިވެ، އަމަލީގޮތުން ގަސް އިންދުމުގެ މަސައްކަތް ވަނީ ކޮށްފަ އެވެ.

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫއަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މަގުސަދުގައި، ރައީސް މުއިއްޒުގެ ރިޔާސީ ވައުދުފުޅެއްގެ ދަށުން ފަށާފައިވާ ޤައުމީ ޕްރޮގްރާމެކެވެ.

2024 ޖޫން 5 ގައި ރަސްމީކޮށް އިފްތިތާހުކުރި މި މަޝްރޫއުގެ ދަށުން، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި މުޅި ރާއްޖޭގައި 5 މިލިއަން ގަސް އިންދުމަށް އަމާޒު ހިފާފައިވާއިރު، މިހާތަނަށް 2.4 މިލިއަނަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް ސަރުކާރުން ބުނެ އެވެ.