ދިވެހި ފުލުހުންގެ ޚިދުމަތުގެ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "އިންސްޕެކްޓަރ ކޯސް" ގެ 7 ވަނަ ބުރު ދ. ވާނީ ކެމްޕަހުގައި ރަސްމީކޮށް ފަށައިފި އެވެ.
ޖުމްލަ 81 ކޮމިޝަންޑް އޮފިސަރުންނާއެކު މިއަދު ފެށި މި ތަމްރީނު ޕްރޮގްރާމަކީ 9 ހަފުތާގެ މުއްދަތަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކޯހެއް ކަމަށް ފުލުހުން ބުނެ އެވެ.
މި ކޯހުގެ މައިގަނޑު މަގުސަދަކީ ފުލުހުންގެ މެދުފަންތީގެ މެނޭޖްމަންޓްގައި މަސައްކަތްކުރާ އޮފިސަރުންނަކީ، އެ ފެންވަރުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާކުރެވޭނެ ފަދަ އިލްމާއި ހުނަރު އަދި ގާބިލުކަން ލިބިފައިވާ ބަޔަކަށް ހެދުން ކަމަށާއި ޚިދުމަތުގައި އެންމެ އެދެވޭ ނަތީޖާ ހާސިލުކުރުމަށްޓަކައި، މެނޭޖީރިއަލް ލެވެލްގެ ޒިންމާތަކަށް އޮފިސަރުން ފުރިހަމައަށް ތައްޔާރުކުރުން ކަމަށް ފުލުހުން ބުނެ އެވެ.
މީގެއިތުރުން މި ތަމްރީނުގެ ސަބަބުން ބައިވެރިންގެ ކިބައިގައި ހަރުދަނާ ނިންމުންތައް ނިންމުމުގެ ގާބިލުކަމާއި، ރިވެތި އަހްލާގީ މިންގަނޑުތަކުގެ މައްޗަށް ބިނާވެފައިވާ ލީޑަރޝިޕް ސިފަތައް އަށަގަންނުވައިދޭނެ ކަމަށް ވެސް ފުލުހުން ބުނެ އެވެ. އަދި ޒަމާނީ ފުލުހުންގެ ޚިދުމަތުގައި ކުރިމަތިވާ އެކި ގޮންޖެހުންތަކާ ކާމިޔާބުކަމާއެކު ކުރިމަތިލުމަށް ބޭނުންވާ ޒަމާނީ އުކުޅުތަކާއި ހުނަރުތައް ވެސް މި ކޯހުގެ ތެރެއިން އޮފިސަރުންނަށް އުނގަންނައިދޭނެ ކަމަށް ވެސް ފުލުހުން މައުލޫމާތުދެ އެވެ.