ދިވެހި ފަނޑިޔާރުންގެ
ޖަމިއްޔާގެ ފަސްވަނަ ދައުރުގެ ހިންގާ ކޮމިޓީގެ އިތުރު މެންބަރެއްގެ މަޤާމު ހުސްވެފައިވާތީ،
އެ މަޤާމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.
ހޯމަ ދުވަހު
ފަނޑިޔާރުންގެ ޖަމިއްޔާއިން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ދިވެހި ފަނޑިޔާރުންގެ
ޖަމިއްޔާގެ ފަސްވަނަ ދައުރުގެ ހިންގާ ކޮމިޓީގެ އިތުރު މެންބަރެއްގެ މަޤާމު ހުސްވެފައިވާ
ކަމަށެވެ. އެހެންކަމުން ހިންގާ ޤަވާއިދުގެ ދަށުން އެ މަޤާމަށް މެންބަރަކު އައްޔަނު
ކުރެއްވުމުގެ ކުރިން، މަޤާމަށް ޝައުޤުވެރިވާ ބޭފުޅަކު ހުރިތޯ ބެއްލެވުމަށް އެ ޖަމިއްޔާއިން
ބޭނުންވާކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
އެ ޖަމިއްޔާއިން
ބުނީ، މި މަޤާމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކުން ނޮވެމްބަރު މަހުގެ 5 ވާ ބުރާސްފަތި
ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކަން އެ ޖަމިއްޔާއަށް އީމެއިލްގެ ޒަރިއްޔާއިން
އެންގުމަށް އެދޭކަމަށެވެ.
އީމެއިލް
ފޮނުވާއިރު ފުރިހަމަ ނަމާއި، މަސައްކަތްކުރާ ކޯޓުގެ އިތުރުން، ގުޅޭނެ ފޯނު ނަންބަރާއި އައިޑީކާޑު އެޓޭޗް ކުރަންޖެހޭ ކަމަށް އިއުލާނުގައި ބުނެފައިވެ އެވެ.
ދިވެހި ފަނޑިޔާރުންގެ
ޖަމިއްޔާއަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ މަސްލަހަތު ރައްކާތެރި ކުރުމާއި، ފަނޑިޔާރުންގެ
މެދުގައި އެއްބައިވަންތަކަން ގާއިމް ކުރުމަށް މަސައްކަތް ކުރާ ޖަމިއްޔާއެކެވެ. އަދި
ފަނޑިޔާރުންގެ ކުޅަދާނަކަން އިތުރު ކުރުމަށާއި، ފަނޑިޔާރުންގެ މަސްލަހަތު ހިމާޔަތް
ކުރުމަށް މަސައްކަތް ކުރުމަކީ އެ ޖަމިއްޔާގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ މުހިންމު
ކަންކަމެވެ.