ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް ސަރުކާރުން ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބަހުސް ކުރުމަށް ބޭނުންވާ ކޮންމެ މެންބަރަކަށް 15 މިނެޓު އަދި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ފިނޭންސް މިނިސްޓަރަށް 45 މިނެޓު ދިނުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީ އިން ފާސްކޮށްފި އެވެ.

ހޯމަ ދުވަހު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި ފޭދޫ ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހީމް ދީދީ ވަނީ  ބަހުސް މަރުހަލާގައި ކޮންމެ މެންބަރަކަށް 15 މިނެޓުގެ އެއް ފުރުސަތު، ކޮމިޓީ ރިޕޯޓު ހުށަހެޅުމަށްފަހު ރިޕޯޓަށް ބަހުސްކުރާ މަރުުހަލާގައި ކޮންމެ މެންބަރަކަށް 7 މިނެޓުގެ އެއް ފުރުސަތު އަދި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 235 ވަނަ މާއްދާގެ (ށ) ގެ ދަށުން ބަޖެޓުގެ ބަހުސް ހިނގަމުންދާ ވަގުތު މެންބަރުން ފާހަގަކުރައްވާ ނުކުތާތަކަށް ޖަވާބުދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައަޅުއްވާ ގޮތުގެ މަތިން މިނިސްޓަރ އޮފް ފިނޭންސް އަށް ޖުމްލަ 45 މިނެޓު ދެއްވުމަށް ހުށަހަޅުއްވާފަ އެވެ. އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އެވެ. 

ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރުު ހަސަން ޒަރީރު ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ 59،704،440،795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް، ހަތްސަތޭކަ ނުވަދިހަ ފަސް ) ރުފިޔާގެ ބަޖެޓެއް ކަމަށެވެ.

މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހުށަހަޅާފައިވާ ބަޖެޓުގެ ތެރެއިން ދައުލަތުގެ ޖުމުލަ ޚަރަދުގެ ގޮތުގައި 52.6 ބިލިއަން ރުފިޔާ ހިނގާނެކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އޭގެ ތެރެއިން 42.7 ބިލިއަން ރުފިޔާއަކީ ރިކަރަންޓު ޚަރަދު ނުވަތަ ހިންގުމުގެ ޚަރަދު ކަމަށާއި، އަދި ތަރައްޤީގެ މަޝްރޫއުތަކާ އިންވެސްޓްމަންޓު ހިމެނޭ ކެޕިޓަލް ޚަރަދުގެ ގޮތުގައި 9.9 ބިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށް ވިދާޅުވި އެވެ.

ކެޕިޓަލް ޚަރަދުގެ ތެރޭގައި ޕީއެސްއައިޕީ މަޝްރޫއުތަކަށް ކަނޑައަޅާފައިވާ 8.2 ބިލިއަން ރުފިޔާ ހިމެނޭކަމަށް މިނިސްޓަރު ހަސަން ޒަރީރު ވިދާޅުވި އެވެ.

އަންނަ އަހަރު އާމްދަނީއާ ހިލޭއެހީގެ ގޮތުގައި 43.2 ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާ ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު އިތުރު އަދަދެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

2027 ވަނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓަކީ ސަރުކާރުން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫއުތަކާއި ދައުލަތުގެ ހިދުމަތްތައް ދެމެހެއްޓުމަށް ބޭނުންވާ ފައިސާގެ އަދަދު ހިމެނޭ ބަޖެޓެއްކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުން މި ބަޖެޓު ފާސްކުރުމުގެ ކުރިން މަޖިލީހުގެ ކޮމިޓީތަކުން މި ބަޖެޓު ބަލައި، މަޝްވަރާކޮށް، ބަޖެޓަށް ބޭނުންވާ އިސްލާހުތައް ހުށަހަޅައި، ފައިނަލް ކުރާނެ އެވެ. ބަޖެޓު ފާސްކުރުމަށްފަހު އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މި ބަޖެޓު ތަންފީޒުކުރަން ފަށާނެ އެވެ.