ވ. އާރަށުގެ މައްސަލައިގެ ޝަރީއަތަށް ކުރީގެ ރައީސް
އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އޯޑިއޯ ރެކޯޑިންތަކެއް ކަމަށް ބުނާ ހެކިތަކެއް ބަލައިގަތުމަށް
ދަށު ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓަށް
ހުށަހެޅި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ނިންމަވައިފި އެވެ.

މި މައްސަލައަކީ އާރަށު މައްސަލައިގެ ތެރެއިން
ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ.

އާރަށު މައްސަލައިގެ ތެރެއިން ދައުލަތުން ވަނީ
ރައީސް ޔާމީނާ ދެކޮޅަށް އެމަނިކުފާނުގެ ކޯލް ރެކޯޑިންތަކެއް ކަމަށް ބުނާ އޯޑިއޯ ރެކޯޑިންތަކެއް
ހެކީގެ ގޮތުގައި ހުށަހަޅާފަ އެވެ. ނަމަވެސް، އެ ރެކޯޑިންގ ތައް ހެކީގެ ގޮތުގައި ބަލައިނުގަތުމަށް
ރައީސް ޔާމީންގެ ފަރާތްޕުޅުން ދަށު ކޯޓުގައި އެދިވަޑައިގެންފައިވެ އެވެ.

މި މައްސަލައިގައި ދަށު ކޯޓުން ގޮތެއް ނިންމަވަމުން،
މައްސަލަ ބައްލަވާ ގާޒީ ކަނޑައަޅުއްވާފައިވަނީ ދައުލަތުން ހުށަހެޅި އެ އޯޑިއޯ ރެކޯޑިންތައް
ހެކީގެ ގޮތުގައި ބަލައިގަނެވޭނެ ކަމަށެވެ. ދަށު ކޯޓުގެ މި ނިންމެވުމާ މެދު ހިތްޕުޅުހަމަޖެހިވަޑައިނުގެން،
އެ ނިންމުން އިސްތިއުނާފު ކުރުމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ހައިކޯޓަށް މައްސަލަ
ހުށަހެޅީ މިދިޔަ އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި މި އިސްތިއުނާފީ
މައްސަލައާ މެދު ގޮތެއް ނިންމަވައި، ހައިކޯޓުގެ ރަޖިސްޓްރާ ނޮވެމްބަރު މަހުގެ 1 ވަނަ
ދުވަހު ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމަވާފަ އެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް
އުފުލާފައިވަނީ ރިޝވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާއެވެ. މި
މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރީގެ
ހުށަހެޅުންތަކާ ގުޅޭގޮތުން ގޮތް ނިންމުމެވެ.

ޝަރީއަތުގެ ކުރީގެ ހުށަހެޅުންތައް
ހުށަހެޅިއިރު ދައުލަތުގެ ވަކީލު އަހުމަދު ޝަފީއު ވަނީ ރައީސް ޔާމީނުގެ ފަރާތުން
ހުށަހަޅާފައިވާ ބައެއް ޝަފަހީ ހެކި ބަލައިނުގަތުމަށް އެދިފަ އެވެ. އެއީ ރައީސް
ޔާމީނު ކުރެއްވީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއްކަން ސާބިތު ކޮށްދިނުމަށް ރައީސް
ޔާމީނުގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހެޅި މީހުންނެވެ.

އެ ހުށަހެޅުން ޝަރީއަތުން ވަނީ ބަލައިގެންފަ
އެވެ.

ރައީސް ޔާމީނުގެ ފަރާތުން ހުށަހެޅި
ހުށަހެޅުންތަކުގެ ތެރޭގައި ދައުލަތުގެ ބައެއް ހެކި ބަލައިނުގަތުމަށް އެދި ހުށަހެޅި
ހުށަހެޅުން ހިމެނެއެވެ. އޭގެ ތެރެއިން ޝަރީއަތުން ބަލައިގަތީ ހަމައެކަނި ދިއްގަރު
ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްއަކީ އާރަށު މައްސަލައިގެ ހެއްކެއްގެ ގޮތުގައި
ބަލައިނުގަނެވޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ
ގާޒީ އަލީ ނަދީމު އެވެ.