ދިވެހިރާއްޖޭގެ ގުޅުން (ދިރާގު) ގެ ކުރީގެ ޗެއާމަން
އަދި ސަރުކާރުގެ މަތީ މަގާމުތަކެއް ފުރުއްވާފައިވާ ރިލްވާން ޝަރީފް ހޯމަ ދުވަހު އަވަހާރަވެއްޖެ
އެވެ.
ރިލްވާން އަވަހާރަވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި
އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނިކޮށް ކަމަށް މައުލޫމާތު ލިބެ އެވެ. އޭނާއަކީ ރާއްޖޭގެ
ކޯޕަރޭޓް ދާއިރާގައާއި ސަރުކާރުގެ މާލީ އިދާރާތަކުގައި ގިނަ ދުވަސްތަކެއް ވަންދެން
ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ރިލްވާން ޝަރީފް ދިރާގުގެ ޗެއާމަންގެ މަގާމަށް
އައްޔަންކުރެއްވީ 2014 ވަނަ އަހަރުގެ ތެރޭގައެވެ. ނަމަވެސް 2015 ވަނަ އަހަރުގެ ފެބުރުވަރީ
މަހުގެ ތެރޭގައި އޭނާ ވަނީ އެ މަގާމުން ވަކިކުރައްވާފަ އެވެ. ދިރާގުގެ އިތުރުން އޭނާ
ވަނީ ވިލާ އެއާގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ދިގު މުއްދަތަކަށް ފުރުއްވާފަ
އެވެ.
ސަރުކާރުގެ މަތީ ފަންތީގެ މަގާމުތަކަށް ބަލާއިރު،
ރިލްވާން ވަނީ މިނިސްޓްރީ އޮފް ފައިނޭންސްގެ ސްޓޭޓް މިނިސްޓަރުކަމާއި ޑެޕިއުޓީ މިނިސްޓަރުކަން
ވެސް ފުރުއްވާފަ އެވެ. މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޑިރެކްޓަރުގެ
މަގާމުގައި ވެސް އޭނާ ވަނީ ޚިދުމަތް ކުރައްވާފަ އެވެ.
ތައުލީމީ ދާއިރާއަށް ބަލާއިރު، ރިލްވާން ޝަރީފަކީ
އޮސްޓްރޭލިއާގެ އާރުއެމްއައިޓީ ޔުނިވާސިޓީން ބިޒްނަސް ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލުކުރައްވައިގެން
ހުންނެވި ބޭފުޅެކެވެ. އޭނާ އަވަހާރަވުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އާއިލާއަށް
ތައުޒިޔާ ފޮނުވަމުންނެވެ.