އިސްކަންދަރު
ސްކޫލްގެ ކުރިމައްޗަށް ވާގޮތަށް އޮންނަ ދިދި ގޯޅިތެރޭގައި 2014 ވަނަ އަހަރު މަރާލި،
ތ. ތިމަރަފުށީ ބްލޫނިއާގޭ އަސީލް އަހުމަދުގެ މަރުގެ މައްސަލައިގައި ދައުވާ ލިބޭ މީހުންނަށް
ކުށް ސާބިތުވެއްޖެ އެވެ.
އަސީލްގެ
މަރުގެ މައްސަލައިގައި ދައުލަތުން ޓެރަރިޒަމުގެ ދައުވާ އުފުލާފައިވަނީ، ގދ. ތިނަދޫ
ސްވީޓްޑްރީމް އަހުމަދު ނިމްޝާދުއާއި، ހުޅުމާލެ 10118 އަހުމަދު ޖައުފަރުއާއި، ދަފްތަރު
6566 އިސްމާއިލް ރިފާއުއާއި، ގދ، ވާދޫ އާބަހާރުގޭ އިހުސާން ރަޝީދުއާއި، މ. ގޯލްޑްބަރޑްލިލީ
ހަސަން އިސާމް މުހައްމަދުގެ އިތުރުން މއ. ރާޅުއެރިގެ ޝާރިފް ޝަރީފްގެ މައްޗަށެވެ.
އެ ހަ މީހުންގެ
މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ 2014 ވަނަ އަހަރުގެ އޯގަސްޓު މަހުގެ
23 ވަނަ ދުވަހުގެ ރޭ 8:45 އެހާކަންހާއިރު "އަގޯރާ އެކްސްޕްރެސް" ފިހާރަ ކައިރީގައި
އަސީލުއާއި އިތުރު ދެ މީހަކު ހުއްޓައި، އެ ހަ މީހުން އެތަނަށް ގޮސް އަސީލުއާއި އޭނާއާއެކު
ތިބި މީހުންނަށް ތޫނުއެއްޗަކުން ހަމަލާދީފައިވާ ކަމަށް ބުނެ އެވެ.
އައިޖީއެމްއެޗުގެ
އައިސީޔޫގައި ފަރުވާދެމުންދަނިކޮށް އަސީލް މަރުވީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ
29 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ.
މި މައްސަލަ
ކްރިމިނަލް ކޯޓުން ބަލަމުންދަނީ މި މައްސަލަ އަލުން ބެލުމަށް ތަހުވީލުކޮށްފައިވާތީ
އެވެ. އެގޮތުން އަސީލް އަހުމަދުގެ މަރުގެ މައްސަލާގައި ދައުވާލިބުނު މީހުންނަށް ކުށް
ސާބިތުނުވެ ސަލާމަތްވި މައްސަލަ އަލުން ބެލުމަށް އަންގައި ހައިކޯޓުން ހުކުމްކުރީ
23 ނޮވެމްބަރު 2025 ގަ އެވެ.
މި މައްސަލައިގައި
މިދިޔަ ހަފްތާގައި ކޯޓުން ވަނީ ކުށް ސާބިތުވާކަމަށް ނިންމާފަ އެވެ. އެ ދުވަހުގެ
އަޑުއެހުމަށް އިސްމާއިލް ރިފާއު ހާޒިރުނުވާތީ އޭނާގެ ބައި ކުރިއަށް ގެންދެވިފައެއް
ނުވެއެވެ. ދެން ތިބި މީހުންގެ ތެރެއިން ޝާރިފް ޝަރީފް ފިޔަވާ އެންމެންގެ މައްޗަށް ވަނީ
ކުށް ސާބިތުވެފަ އެވެ. އެހެންކަމުން ދެން އޮންނާނީ މައްސަލައިގައި އަދަބު ކަނޑައެޅުމެވެ.
އަސީލްގެ
މަރުގެ މައްސަލައިގައި މި މީހުންގެ މައްޗަށް ޝަރީއަތް ހިންގާއިރު، އިތުރު ދެ ކުއްޖެއްގެ
މައްޗަށް ވެސް ޓެރަރިޒަމުގެ ދައުވާ އުފުލި އެވެ. ޖުވެނައިލް ކޯޓުން 2016 ވަނަ އަހަރުގެ
އޯގަސްޓުގައި ވަނީ، އެ ދެ ކުދިންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، 13
އަހަރާއި ހަތަރު މަހަށް ޖަލަށް ލުމަށް ހުކުމް ކޮށްފަ އެވެ.