ކ. ބޮލިދުއްފަރު ފަޅުގައި ތަރައްޤީކުރަމުންދާ ރިސޯޓުގެ ކޮންސްޓްރަކްޝަން ސައިޓުގައި މަސައްކަތްކުރާ ބިދޭސީންތަކަކަށް 6 މަސް ދުވަސް ވަންދެން މުސާރަ ނުދީގެން ކުރި ސުލްހަވެރި އިހުތިޖާޖާ ގުޅިގެން، އެމީހުން ބަންދުކޮށް ފިޔަވަޅު އަޅަމުންދާތީ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ޓްރާންސްޕޭރެންސީން ހާމަކޮށްފައިވާ ގޮތުގައި، މި އިހުތިޖާޖާ ގުޅިގެން ގާތްގަނޑަކަށް 21 ބިދޭސީ މަސައްކަތްތެރިއަކު އިމިގްރޭޝަންގެ ޑިޓެންޝަން ސެންޓަރަށް ގެންގޮސްފައިވެ އެވެ. އެ ޖަމިއްޔާއިން ބުނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ ދަށުން ކޮންމެ މަސައްކަތްތެރިއަކަށްމެ އިހުތިޖާޖުކުރުމާއި ހަޅުތާލުކުރުމުގެ ހައްޤު ލިބިދީފައިވާތީ، ހައްޤުތައް ހިމާޔަތްކުރަން އުޅުމުން ބަދަލުހިފުމުގެ ގޮތުން ފިޔަވަޅު އެޅުމަކީ އަސާސީ ހައްޤުތަކަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ. އަދި ބަންދުގައި ތިބި ބިދޭސީން ވަގުތުން ދޫކޮށްލުމަށާއި، މިކަމުގައި އިންސާނީ ހައްޤުތަކާ ޚިލާފު ކަމެއް ހިނގާފައިވޭތޯ ބެލުމަށް އެޗްއާރުސީއެމް އަށާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީއަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.
މިކަމާ ގުޅިގެން ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ބޮލިދުއްފަރުގައި އިހުތިޖާޖުކުރި ބިދޭސީން ފުރުވާލުމަށްޓަކައި އެއާޕޯޓަށް ގެންގޮސްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކަކު މިހާރު ފުރާފައިވީ ނަމަވެސް، ބާކީ ތިބި މީހުން ފުރަން ދެކޮޅު ހެދުމުގެ ސަބަބުން ވަގުތުން ގޮތެއް ނުނިންމުނު ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނި ގޮތުގައި އެމީހުންނާ މެދު ދެން ގޮތެއް ނިންމާނީ އިމިގްރޭޝަނާއި އެމީހުން ވަޒީފާ އަދާކުރާ ކުންފުނި ގުޅިގެންނެވެ.