ރަސްމާލެ މަޝްރޫއު، ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކޮށްގެން ތަރައްގީ ކުރުމަށް ފުރިހަމައަށް ތާއީދުކުރައްވާ ކަމަށް، އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ، މި ޕްރޮޖެކްޓަށް އެމަނިކުފާނު ފުރިހަމައަށް ތާއީދުކުރައްވާ ކަމަށެވެ. އަދި ބިން 100 އަހަރަށް ދިނުމުން ވެދާނެ ގޮތަކާ މެދު ބައެއް ބޭފުޅުން ސުވާލު އުފައްދަވާތީ، ތާރީޚީ މިސާލެއް ދައްކަވައި ނަޝީދު ވިދާޅުވީ މީގެ 300 އަހަރު ކުރިން ހޯރަފުއްޓަށް އައި ތިން ނާގެ ތެރެއިން އެއް ނާ އެ ރަށުގައި މަޑުކޮށް، އަނެއް ނާ ދިޔައީ ދުވާފަރަށް ކަމަށެވެ.
މީގެއިތުރުން، އެމްޑީޕީގެ ހޯރަފުށީ ދާއިރާގެ ރައީސްއަކީ އެ އާއިލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެއް ކަމަށް އެނގިވަޑައިގެންފައިވާ ކަމަށާއި، 100 އަހަރު ވުމުން ވެގެންގޮސްދާނެ ގޮތަކާ މެދު އެމަނިކުފާނަށް ވިސްނާވަޑައިގެންނެވުނީ އެގޮތަށް ކަމަށް ވިދާޅުވި އެވެ.
އަޅުގަނޑު ފުރިހަމައަށް މި ޕްރޮޖެކްޓަށް ތާއީދުކުރަން. ހަމަ ފުރިހަމައަށް. ދެން ބައެއް ބޭފުޅުން އެއް ސަތޭކަ އަހަރު ވީމާ ކިހިނެއްތޯ ވާނީ؟ އަޅުގަނޑު އަޑުއަހާފައި އޮތް ގޮތުގައި އަޅުގަނޑަށް އެނގިފައި އޮތް މިންވަރުން އަޅުގަނޑަށް ހަދައި ހޯރަފުއްޓަށް މީގެ ތިންސަތޭކަ އަހަރު ކުރީގައި އައި ތިން ނާ. އޭގެ ތެރެއިން އެއް ނާ ހޯރަފުށީގައި މަޑުކުރީ. އަނެއް ނާ ދިޔައީ ދުވާފަރަށް. ދެން އިއްޒަތްތެރި ރައީސް، ހޯރަފުށީ ދާއިރާގެ ރައީސް ތީ އެ ނާއިން ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން އެ އާއިލާގެ އެއް ބޭފުޅެއް ކަމަށް އަޅުގަނޑަށް އެނގިފައި އޮތީ. އެހެންވީމާ، އަޅުގަނޑު މި އެއް ސަތޭކަ އަހަރު ވީމާ ވެގެންގޮސްދާނެ ގޮތަކަށް އަޅުގަނޑަށް މި ވިސްނާލެވުނީމުހައްމަދު ނަޝީދު
މީގެ އިތުރުން ނަޝީދު ވިދާޅުވީ، ރާއްޖޭގައި މިހާރު ތިއްބެވި ހުރިހާ ބޭފުޅުންނަކީ ވެސް އެކި ބޭރު ރަށްރަށުން ވަޑައިގެން މިތަނުގައި ވަޒަންވެރިވެ އުފައްދާފައިވާ އާބާދީއެއްގެ ފަޚުރުވެރި ދިވެހި ދަރިން ކަމަށެވެ.