ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ބޭނުންތަކަށާއި
އެކޮމޮޑޭޝަނަށް ޚާއްސަކޮށްގެން، ކަޅުތުއްކަލާކޮށީގައި 15 ބުރީގެ އިންޓެގްރޭޓެޑް އެކޮމޮޑޭޝަން
އެންޑް ލޮޖިސްޓިކްސް އިމާރާތެއް ބިނާކުރުމަށް ޗައިނާގެ ރޯޓައިމް އިންޖިނިއަރިންގ އެންޑް
ޓެކްނޮލޮޖީ ކޯޕަރޭޝަން ލިމިޓެޑާ ހަވާލުކޮށްފި އެވެ.
މިއީ ސިފައިންގެ ތާރީޚުގައި ވެސް ހިންގާ އެންމެ
ބޮޑު އުމްރާނީ ތަރައްޤީގެ މަޝްރޫއު ކަމަށް ސަރުކާރުން މައުލޫމާތުދެ އެވެ.
ބަންޑާރަކޮށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި
މި މަޝްރޫއުގެ އެއްބަސްވުމުގައި ދިފާއީ އަދި ވަތަނީ ޚިދުމަތާ ބެހޭ ވުޒާރާގެ ފަރާތުން
ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ފާތިމަތު މިޒްނާ އަލީ އެވެ. ރޯޓައިމް އިންޖިނިއަރިންގ
އެންޑް ޓެކްނޮލޮޖީ ކޯރޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މރ. ޖޯ ވޭދޯން އެވެ.
މި މަޝްރޫއަކީ ޑިޒައިން އެންޑް ބިލްޑް އުސޫލުން
ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ.
މި އިމާރާތަކީ ސިފައިންގެ ތަރައްޤީއަށްޓަކައި ޚާއްސަ
މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ރައީސް މުއިއްޒު މިއަހަރުގެ ރިޔާސީ ބަޔާނުގައި
އިއުލާނުކުރައްވާފައިވާ ވައުދުފުޅުގެ ދަށުން ކުރިއަށްގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ
ދަށުން ބިނާކުރާ 15 ބުރީގެ އިމާރާތުގެ ސަބަބުން ސިފައިންގެ އެކޮމޮޑޭޝަންގެ ދަތިތަކަށް
ބޮޑު ހައްލެއް ލިބި، ލޮޖިސްޓިކްސް ވަސީލަތްތައް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް
ދިފާއީ ވުޒާރާއިން ފާހަގަކުރެ އެވެ.
ދިފާއީ ވުޒާރާއިން މައުލޫމާތުދޭ ގޮތުގައި،
ކަޅުތުއްކަލާކޮށީގައި ބިނާކުރާ މި އިންޓެގްރޭޓެޑް ބިލްޑިންގގެ މަސައްކަތް ކުރިއަށް
އޮތް 2 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައި ސަރުކާރާ ހަވާލުކުރަންޖެހެ އެވެ.
މި އިމާރާތް ފަރުމާކޮށްފައިވަނީ ސިފައިންގެ އޮޕަރޭޝަނަލް ބޭނުންތަކަށް އެންމެ އެކަށީގެންވާ
ޒަމާނީ ވަސީލަތްތަކާއެކުގަ އެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީއާއި ވައިސް ޗީފް އޮފް ޑިފެންސް
ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޣިޔާސް ބައިވެރިވެވަޑައިގެންނެވި އެވެ. މީގެ އިތުރުން
ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި ދިފާއީ އަދި ވަތަނީ ޚިދުމަތުގެ ވުޒާރާގެ އިސްވެރިންގެ
އިތުރުން ރޯޓައިމް އިންޖިނިއަރިންގ ކުންފުނީގެ އިސް ބޭފުޅުންވެސް މި ރަސްމިއްޔާތުގައި
ބައިވެރިވެވަޑައިގެންނެވި އެވެ.