ބޮޑުތިލަދުންމަތީގެ ތިން އަތޮޅަށް އަމާޒުކޮށްގެން ކުޅުދުއްފުށީ ޕޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޚާއްސަ ވިޔަފާރި ފޯރަމްގައި ބައިވެރިވުމުގެ ފުރުސަތު ކުޅުދުއްފުށީ ޕޯޓް ލިމިޓެޑުން އަންގާރަ ދުވަހު ހުޅުވާލައިފި އެވެ.

މި ފޯރަމް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ކުޅުދުއްފުށީ ޕޯޓް މެދުވެރިކޮށް މުދާ އެތެރެކުރުމަށް ހުރި ފުރުސަތުތަކާއި، އެ ޕޯޓުން މިހާރު ލިބެންހުރި ޚިދުމަތްތަކުގެ ތަފްސީލީ މައުލޫމާތު ސަރަހައްދުގެ ވިޔަފާރިވެރިންނާ ހިއްސާކުރުމެވެ. މީގެ އިތުރުން، އުތުރުގެ ވިޔަފާރިތަކަށް ކުރިމަތިވާ ދަތިތަކާއި ކަންބޮޑުވުންތައް އޮޅުންފިލުވައި، ޕޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމަށް ވިޔަފާރިވެރިންގެ ޚިޔާލު ހޯދުން ވެސް މި ފޯރަމްގެ ތެރޭގައި ކުރިއަށްދާނެ އެވެ.

ކުޅުދުއްފުށީ ޕޯޓުން ބުނި ގޮތުގައި، މި ފޯރަމްގައި ބައިވެރިވާން އެދޭ ސަރަހައްދުގެ އެންމެހައި ވިޔަފާރިވެރިންނަށް އެކަމަށް ޚާއްސަކޮށްފައިވާ ލިންކު މެދުވެރިކޮށް ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މި ފޯރަމްގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ އެންމެ ފަހު ސުންގަޑިއަކީ 10 ނޮވެންބަރު 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.