ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި، ނޮވެންބަރު 3 ގެ އައްޑަނަ 5 ބޭފުޅަކަށް އަރުވައިފި އެވެ.
އެބޭފުޅުންނަށް އެ އައްޑަނަ އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ނޮވެންބަރު 3 ގެ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހުގެ ޢުދުވާނީ ހަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނުކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި 5 ބޭފުޅުން ކަމުގައިވާ ސަރޖެންޓް ފަސްޓްކްލާސް (ރިޓަޔަރޑް) އިބްރާހީމް ޝަރީފު އާއި ސްޓާފް ސަރޖެންޓް (ރިޓަޔަރޑް) ހުސައިން އަލީއާއި ސަރޖެންޓް (ރިޓަޔަރޑް) ހުސައިން މަނިކު އާއި ކޯޕްރަލް (ރިޓަޔަރޑް) އަބްދުﷲ ނަސީމު އާއި ލާންސް ކޯޕްރަލް (ރިޓަޔަރޑް) އަބްދުﷲ މުފީދު އެވެ.
މީގެ އިތުރުން މި ޖަލްސާގައި، ނޮވެންބަރު 3 ގެ ހުށަހެޅުން "ލޭގެ ޖިހާދު" ގެ ނަމުގައި، ދިވެހި ސިފައިން ތަމްސީލެއް ހުށަހަޅާފައިވެ އެވެ. މި ޖަލްސާގައި ދިވެހި ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރެދެއްވީ، ރައީސް މުއިއްޒު އެވެ.