އިދިކޮޅު އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ރައްޔިތުންގެ
މަޖިލީހަށް ހުށަހަޅާފައިވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ
މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަމުން، މި ސަރުކާރުގެ ފާއިތުވި މުއްދަތުގައި
އާންމު ރައްޔިތުންގެ އެކި ބޭނުންތަކަށް ޖުމުލަ 1.9 ބިލިއަން ޑޮލަރު ދޫކޮށްފައިވާނެ
ކަމަށް ސައީދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަދައްކަވަމުން މިނިސްޓަރު
ސައީދު ވިދާޅުވީ، މިއީ ކުރީ ސަރުކާރުގެ ފަހު ތިން އަހަރާ އަޅާބަލާއިރު 80 އިންސައްތައިގެ
އިތުރުވުމެއް ކަމަށެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ މި ސަރުކާރުން ގެންގުޅޭ
ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން، މިދިޔަ ސަރުކާރާ އަޅާބަލާއިރު މަހެއްގެ މައްޗަށް
އެވްރެޖުކޮށް ބަލާއިރު ޑޮލަރު ދޫކުރާ މިންވަރު ގާތްގަނޑަކަށް 100 އިންސައްތަ ނުވަތަ
ދެގުނަ އިތުރުވެފައިވާ ކަމަށެވެ.

ބޭންކު ރޭޓުގައި އާންމު ރައްޔިތުންނަށް ދޫކުރާ
ޑޮލަރުގެ އަދަދު އިތުރުވީ ދައުލަތަށް ޑޮލަރު ލިބޭނެ ގޮތަށް ސަރުކާރުގެ ސިޔާސަތުތައް
ބަދަލުކުރުމުން ކަމަށްވެސް ވަޒީރު ފާހަގަކުރެއްވި އެވެ. އަދި ދުނިޔެ ހަނގުރާމައިގެ
ހާލަތެއްގައި އޮތް ނަމަވެސް، ރާއްޖެ ނުދަރައި ސަލާމަތްކޮށް، ވިޔަފާރިތަކާއި ރައްޔިތުންނަށް
ކުރިއެރުން ހޯދައިދީފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންކަރިންގެ ހިދުމަތާ ގުޅޭގޮތުން އަމާޒުވަމުންދާ
ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ
ސަރުކާރުން ދެ ބޯޓު ގެނެސްގެން އެ ހިދުމަތް ފެށުމުން މިހާތަނަށް 90.07 މިލިއަން އެމެރިކާ
ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާ ކަމަށެވެ.

މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 1.39 ބިލިއަން
ރުފިޔާ ކަމަށާއި، ބަންކަރިންގެ ދާއިރާއިން މިއަށްވުރެ ބޮޑެތި ފުރުސަތުތައް ކުރިއަށް
އޮތް ތަނުގައި ފަހިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ސައީދު މިފަދައިން ވިދާޅުވެފައި މިވަނީ،
މި ސަރުކާރު އައިފަހުން ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އާންމު
ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ކަންކަމަށް ޑޮލަރު ހޯދުމުގައި ބޮޑެތި ތަކުލީފުތަކެއް
އުފުލަން ޖެހިފައިވާ ދަނޑިވަޅެއްގަ އެވެ.

މީގެ އިތުރުން، ތަކެތީގެ އަގު ބޮޑުވެފައިވާއިރު،
ބަންކަރިންގެ ހިދުމަތުން ލިބޭނެ ކަމަށް ސަރުކާރުން ކުރިން އުންމީދުކުރި 400 މިލިއަން
ޑޮލަރާ ގާތްކުރާ މިންވަރަށް ވެސް އާމްދަނީ ލިބިފައިނުވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން
ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް މިނިސްޓަރު ވަނީ މަޖިލީހުގައި އެ ހުރިހާ
ތުހުމަތުތަކެއް ދިފާއު ކުރައްވައި، އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.