މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައިގައި އެމްޑީޕީ އިން ފާހަގަކޮށްފައިވާ 6 ކަމަށް މިނިސްޓަރަށް ރައްދު ނުދެއްވޭ ކަމަށާއި އެކަން އެގޮތަށް ވީ އެމަނިކުފާނު ބޭކާރު ވާހަކަދައްކަވަން ހަދައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު ސައީދުގެ މައްޗަށް އިތުބާރު ނެތް ކަމަށް އެމްޑީޕީގެ 13 މެންބަރުން ސޮއިކުރައްވާ ހުށަހަޅާފައިވާ މައްސަލައިގައި މިނިސްޓަރު ހާޒިރުކޮށްފައިވެ އެވެ. އެ މައްސަލައިގައި ރައްދު ދެއްވުމަށް މިނިސްޓަރު ސައީދު އަށް 1 ގަޑިއިރު ލިބިވަޑައިގެންނެވި އިރު ޕާޓީތަކަށް ބަހައިލައިގެން މި މައްސަލައަށް ބަހުސް ކުރުމަށް މެންބަރުންނަށް ވެސް ލިބުނީ 1 ގަޑިއިރެވެ. 

އެ މައްސަލައިގައި އެމްޑީޕީ އިން ފާހަގަކުރެއްވި ކަންކަމަށް ރައްދު ދެއްވުމަށް ވާހަކަ ދައްކަވަމުން މިނިސްޓަރު ބޮޑަށް ދައްކަވާފައި ވަނީ ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގެ ވާހަކަ އެވެ. އެކަމަށް އިޝާރާތް ކުރައްވާ ބުދަ ދުވަހު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މެންބަރު މައުރޫފް ވިދާޅުވީ އެ ޕާޓީ އިން ހުށަހަޅާފައިވާ އެއްވެސް ކަމަށް މިނިސްޓަރަށް ޖަވާބު ނުދެއްވުނު ކަމަށެވެ. 

އެއީ އަސްލު ހަގީގީ ސަބަބުން އަޅުގަނޑުމެން އެބޭފުޅާގެ މައްޗަށް އިތުބާރު ނެތް ކަމަށް ހުށަހެޅި. އަޅުގަނޑުމެންގެ މައްޗަށް އޮންނަ ގާނޫނީ ޒިންމާއެއް އެއީ ސަރުކާރު ޖަވާބުދާރީ ކުރުވުމާއި، ވަޒީރުން ހާޒިރުކުރުމާ ސުވާލުކުރުން. ވަޒީރުން ހާޒިރުކޮށްގެން އަޅުގަނޑުމެން ކުރާ ސުވާލުތަކަށް ވަޒީރުންނަށް ޖަވާބު ނުދެވޭތީ، ރައްޔިތުން ބޭނުންވާ ޖަވާބު ނުދެވޭތީ، ރައްޔިތުން ބޭނުންވާ ޚިދުމަތެއް ސަރުކާރުގެ ވުޒާރާތަކުން ދެވެމުން ނުވާތީ އަޅުގަނޑުމެން ކަންބޮޑުވުން ފާޅުކޮށް މި ސުވާލު ކުރަނީ، ގަރާރު ހުށަހަޅަނީ. ވަޒީރުން ހާޒިރު ކުރަނީ. އެހެން ނަމަވެސް މިއަދު އަޅުގަނޑުމެންނަށް ފެނުނީ ވަޒީރު އައިސް އަނެއްކާ ވެސް ކުރީ ސަރުކާރުގެ ބޮލަށް ނުވަތަ މިއީ ތަބީއީ ކަމެއްގެ ގޮތުގައި ހަދާ، އަޅުގަނޑުމެން ހުށަހެޅި މައްސަލަތަކަށް ޖަވާބު ނުދެވި ވަޒީރު ބެކާރު ވާހަކަދައްކަވަން ހަދައިގެން އަޅުގަނޑުމެން ހުށަހެޅި ޕޮއިންޓު ތަކަށް ރައްދު ނުދެވި 1 ގަޑިއިރު. ބޭކާރު ވާހަކަދައްކަވަން ހަދައިގެން އަޅުގަނޑުމެން ހުށަހެޅި 6 ޕޮއިންޓަށް ޖަވާބު ނުދީ ނިންމާލަން ޖެހުނީ
މައުރޫފް ޒާކިރު

މައުރޫފް ވިދާޅުވީ ހުރިހާ ކަމަކުން ވެސް ހާމަވީ ޑޮލަރުގެ މައްސަލަ އަށް އަދިވެސް ހައްލެއް ނުލިބޭ ކަން ކަމަށާއި ދެން ހުރި މައްސަލަތައް ވެސް ހައްލު ނުވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވެސް ވިދާޅުވީ މިނިސްޓަރު ވާހަކަދެއްކެވި 1 ގަޑިއިރުގައި ވެސް އަދި އެމްޑީޕީ މެންބަރުންނާ ޕީއެންސީ މެންބަރުން ބަހުސް ކުރެއްވި އިރު ވެސް ހާމަވެގެން ދިޔައީ އެއްވެސް މަސައްލައަކަށް ހައްލު ނުލިބޭކަން ކަމަށެވެ. 

އަޅުގަނޑުމެންނަށް ލިބުނު 9 މިނެޓުގައި ވެސް އަދި ވަޒިރުގެ 1 ގަޑިއިރުގެ ބަހުސްގައި ވެސް އަދި ޕީއެންސީގެ މެންބަރުންގެ ބަހުސްގައި ވެސް އެނގުނު އެއްކަމަކީ ޑޮލަރުގެ އަގު ބޮޑު ކަން. ތަކެތީގެ އަގު ބޮޑުކަން
ހުސެއިން ޒިޔާދު

ސައީދުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލަ ފާސްނުވާކަމަށް ޕީއެންސީގެ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހު ވަނީ ނިންމާފަ އެވެ. ބުދަ ދުވަހު ނެގުނު ވޯޓުގައި ސައީދުގެ އިތުބާރު ނެތްކަމަށް ފާސް ކުރުމަށް 10 މެންބަރަކު ވޯޓު ދެއްވާފައިވާއިރު، އެއާ ދެކޮޅަށް 54 މެންބަރަކު ވަނީ ވޯޓު ދެއްވާފަ އެވެ.