ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް ސަރުކާރުން ހުށަހަޅާފައިވާ 59.7 ބިލިއަން ރުފިޔާގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މުގައްރިރަކަށް މި އަހަރު ވެސް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ހަމަޖެއްސުމަށް ބަޖެޓް ދިރާސާ ކުރާ ކޮމިޓީ އިން ނިންމައިފި އެވެ.
ބުދަ ދުވަހު ބޭއްވި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި މިދިޔަ އަހަރުގެ ބަޖެޓް ދިރާސާ ކުރި ކޮމިޓީގެ މުގައްރިރުކަން ވެސް ކުރެއްވި ސަލީމްގެ ނަން އަދި ނައިބު މުގައްރިރު ކަމަށް ފުވައްމުލަކު މެދުދާއިރާގެ ޕީއެންސީ މެންބަރު އަލީ ފަޒާދު ހަމަޖެއްސެވުމަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހް އެވެ. އެ ދެ ހުށަހެޅުން ވެސް ފާސްވީ ބައްދަލުވުމަށް ހާޒިރުވި މެންބަރުންގެ އިއްތިފާގުންނެވެ.
ބަޖެޓް ދިރާސާ ކުރާ ކޮމިޓީއަކީ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އިގުތިސާދީ ކޮމިޓީގެ މެންބަރުން އެކުލެވޭ ޖޮއިންޓް ކޮމިޓީއެކެވެ. މި ކޮމިޓީގައި ޖުމްލަ 22 މެންބަރުން ތިއްބަވަ އެވެ.
ބަޖެޓު ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރުު ހަސަން ޒަރީރު ވިދާޅުވީ، ސަރުކާރުން ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވުމަށްޓަކައި 2027 ވަނަ އަހަރަށް އަމާޒުކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަނީ 59،704،440،795 (ފަންސާސް ނުވަ ބިލިއަން، ހަތްސަތޭކަ ހަތަރު މިލިއަން، ހަތަރުލައްކަ ސާޅީސްހާސް، ހަތްސަތޭކަ ނުވަދިހަ ފަސް) ރުފިޔާގެ ބަޖެޓެއް ކަމަށެވެ.
މިއީ 2026 ވަނަ އަހަރަށް ފާސްކުރި ބަޖެޓާ އަޅާބަލާއިރު 4.5 ބިލިއަން ރުފިޔާ ދަށް އަދަދެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.