މިއަދުގެ މަޖިލިސް މެންބަރުން ހީވަނީ ކިޔަވާ ކުދިންހެން ކަމަށާއި ކްލާހަށް ދާން ކޮންމެ ދުވަހަކު 11 ޖަހާއިރަށް މަޖިލިސް ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

ބުދަ ދުވަހު އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މެންބަރު ޝަމްހީދު ވިދާޅުވީ މަޖިލީހުގައި ވަގުތު އޮއްވާ ގަރާރުތަކަށް ބަހުސް ކުރުމުގެ ފުރުސަތު ހަނިކުރުމަކީ އެއްވެސް ޑިމޮކްރަސީއަކަށް ތާއީދުކުރާ އެއްވެސް ވެރިއަކު، ވަޒީރަކު އަދި މަޖިލިސް މެންބަރެއް ވެސް ތާއީދުކުރާނެ ކަމެއް ނޫން ކަމަށެވެ. 

ހަމައެއާއެކު،  އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވެވަޑައިގަންނަވަމުން، މިނިސްޓަރު ސައީދު ދެއްވި ޖަވާބުތަކުން ވެސް މިސަރުކާރުގައި އެއްވެސް ކަމަކަށް ސިޔާސަތެއް ނެތް ކަން ހާމަވާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެެވެ. 

އިގްތިސާދީ ސިޔާސަތެއް ވެސް ނެތްކަން، ޑޮލަރުގެ މައްސަލައަށް ވެސް ވިދާޅުވީ ތިމަން މަނިކުފާނުގެ މެންޑޭޓްގައި އޮތް ކަމެއް ނޫނޯ މިއަދު ވިދާޅުވީ. ތަކެތީގެ އަގު ބޮޑުވާތީ ވިދާޅުވީ ނޫނެކޭ ތަކެތީގެ އަގު ދަށަށޭ ދަނީ އެކަމަކު ސަރުކާރުން ނެރޭ ސްޓެޓިސްޓިކްސް އިން އެބަ ދައްކާ ކާބޯތަކެތީގެ އަގު މިއަހަރު ވެސް 8 ޕަސަންޓްއަށް ވުރެ ބޮޑު ކަމަށް
ޑރ. އަހުމަދު ޝަމްހީދު 

މިއަދު ހަމައެކަނި ކުރެވޭ ކަމަކީ ރައްޔިތުންގެ މަޖިލިސް މެދުވެރިވެގެން އެކި ސިފަ ސިފައިގަައި ރައްޔިތުންގެ އަޑު ކަނޑުވާލުން ކަމަށް ވިދާޅުވެ މެންބަރު ޝަމްހީދު ވަނީ ރައްޔިތުންގެ މަޖިލީހުގައި މަސައްކަތްތައް ކުރިއަށް ނުދާތީ ފާޑުވިދާޅުވެފަ އެވެ. 

އަނެއްކާ ރައްޔިތުންގެ މަޖިލީހުން މިއުޅެނީ މަސައްކަތްތައް ފުނި ޖެހިގެންއެއް ނޫން 9، 10 ޖަހާއިރު މަޖިލިސް ނިމޭ، މަޖިލީހުގައި މިއަދު މިތިބި މެންބަރުންނަކީ ކިޔަވާ ކުދިންހެން އަޅުގަނޑަށް ހީވަނީ އެބޭފުޅުން ކްލާސްއަށް ދާން ވީމަ މަޖިލިސް ހުއްޓާލަން ޖެހޭ 11 ޖަހާއިރަށް، އެހެންވީމަ އެގޮތަށް ހިނގާ މަޖިލީހެއް މިއީ
ޑރ. އަހުމަދު ޝަމްހީދު 

ހަމައެއާއެކު، ރައްޔިތުންގެ މަޖިލީހުގައި ގާރަރަށް ބަހުސް ކުރުން ހުއްޓުވުމުގެ އިތުރުން ވެސް ވަރަށް ގިނަ ކަންބޮޑުވުންތައް އެބަހުރި ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.