ރަސްމާލެ މަޝްރޫއާ ގުޅިގެން ސަރުކާރުން އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ފައިނަލް ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ކުރިން، އެ މަޝްރޫއާ ގުޅޭ އާންމު އިންކުއަރީއެއް ހިންގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.

ސިޔާސީ އަދި އިޖުތިމާއީ ހަރަކާތްތެރިއެއް ކަމަށްވާ ހަލީމަތު ޒުހައިރާ އިސްވެ ހުރެ ހުށަހެޅި މި ޕެޓިޝަންގައި އެދިފައިވަނީ މަޖިލީހުގެ ތަޅުމުގައި މިކަމާ ގުޅޭގޮތުން އާންމު ބަހުސެއް ހުޅުވާލުމަށާއި، އެއްބަސްވުމުގެ ފުރިހަމަ ތަފްސީލުތައް ހާމަކުރުމުގެ އިތުރުން މި މަޝްރޫއުގެ މިނިވަން ގާނޫނީ އަދި ފިސްކަލް ރިވިއުއެއް ހެދުމަށެވެ.

މި ޕެޓިޝަން ހުށަހަޅާފައިވަނީ މަޖިލީހުގެ އީ-ޕެޓިޝަން ނިޒާމުގެ ތެރެއިންނެވެ. ޕެޓިޝަންގައި ބުނެފައިވަނީ ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން ހިއްކައި، އެ ބިން 99 އަހަރަށް ބޭރުގެ ކުންފުންޏަކަށް ކުއްޔަށް ދިނުމަށް ނިންމާފައިވާއިރު، މި އެއްބަސްވުމުގެ ތަފްސީލުތައް ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ. ހަލީމަތު ޒުހައިރާ ވިދާޅުވި ގޮތުގައި މި ޕެޓިޝަނަކީ ސަރުކާރަށް ނުވަތަ ވަކި ފަރުދަކަށް ދޭ ހަމަލާއެއް ނޫން ކަމަށާއި، މިއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިންގާ މަޝްރޫއެއްގެ ކަންކަން ދެފުށް ފެންނަ ގޮތަކަށް ކުރިއަށް ގެންދިއުމަށް ބާރުއެޅުމުގެ ގޮތުން ކުރާ މަސައްކަތެކެވެ.

ސަރުކާރުން ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު "މޯލްޑިވްސް ވޯޓަރ ފްރަންޓް އެންޑް މެރީނާ" މަޝްރޫއުގެ ކޮމާޝަލް ޓާމްސް އެގްރީމަންޓްގައި ސޮއިކޮށްފައިވަނީ 2026 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 21 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ އަގާ ގުޅޭގޮތުން އެކި ފަރާތްތަކުން ދައްކާ ވާހަކަތައް ތަފާތުކަން ޕެޓިޝަންގައި ފާހަގަކޮށްފައިވެ އެވެ. އެގޮތުން އީގަލް ހިލްސްއިން މި މަޝްރޫއުގެ އަގަކީ 20 ބިލިއަން ޑޮލަރު ކަމަށް ބުނެފައިވާއިރު، އެހެން ބައެއް ރިޕޯޓްތަކުގައި އެއީ 12 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށް ބުނެފައިވެ އެވެ. އަދި މި މަޝްރޫއުން ދައުލަތަށް ލިބޭނެ އާމްދަނީ 3.1 ބިލިއަން ޑޮލަރާއި 11 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހުންނާނެ ކަމަށް ސަރުކާރުގެ އަންދާޒާތަކުން ދައްކަ އެވެ.

މަޖިލީހަށް ހުށަހެޅި މި ޕެޓިޝަންގައި މައިގަނޑު ހަތް ކަމަކަށް އެދިފައިވެ އެވެ. އޭގެ ތެރޭގައި މަޖިލީހުގެ ތަޅުމުގައި ލައިވްކޮށް ބަހުސްކުރުމާއި، ކަމާބެހޭ ކޮމިޓީން އާންމު އިންކުއަރީއެއް ހިންގުމާއި، އެއްބަސްވުމުގެ ހުރިހާ ލިޔެކިޔުންތަކެއް ހާމަކުރުން ހިމެނެ އެވެ.

މީގެ އިތުރުން، މި އެއްބަސްވުމަކީ ގާނޫނުއަސާސީގެ 251 ވަނަ މާއްދާއާ އެއްގޮތް އެއްބަސްވުމެއްތޯ ބެލުމަށް މިނިވަން ގާނޫނީ ލަފާ ހޯދުމަށާއި، ބިމުގެ އަގާއި ލިބޭނެ އާމްދަނީގެ މިނިވަން ވެލުއޭޝަނެއް ހެދުމަށްވެސް އެދިފައިވެ އެވެ. އަދި އޮޑިޓަރ ޖެނެރަލާއި އެންޓި-ކޮރަޕްޝަން ކޮމިޝަނުން މި މަޝްރޫއާ ގުޅޭ ރިޕޯޓެއް ތައްޔާރުކުރުމަށް ވެސް ޕެޓިޝަންގައި ގޮވާލާފައިވެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ އެއްބަސްވުމުގެ ފުރިހަމަ ކޮޕީއެއް މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށެވެ. އަދި ރިއަލް އެސްޓޭޓް ޓޫރިޒަމާ ގުޅޭ ހާއްސަ ބިލެއް އާންމުންގެ ހިޔާލަށް ހުޅުވާލާނެ ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ދިވެހިންނަށް ހާއްސަކޮށްފައިވާ ބޯހިޔާވަހިކަމުގެ ފުރުސަތުތަކަށް އެއްވެސް އުނިކަމެއް ނާންނާނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވާފަ އެވެ.

މި ޕެޓިޝަން މަޖިލީހުގެ ތަޅުމުގައި ބަހުސްކުރާ ފެންވަރުގެ "ސްޕެޝަލް ޕެޓިޝަން" އަކަށް ހެދުމަށް 2,100 ސޮއި ބޭނުންވެ އެވެ.