ރަސްމާލެ ތަރައްގީ ކުރުމަށް އީގަލް ހިލްސްއާ އެކު ވެވޭ އެއްބަސްވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ސޮއިކުރި ނަމަވެސް، 2028 ވަނަ އަހަރު ރާއްޖޭގައި އުފެދޭ އައު ސަރުކާރަކުން އެ އެއްބަސްވުން ބާތިލުކުރާނެ ކަމަށާއި އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝެއިޚް އިމްރާން ވިދާޅުވީ، ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި ރައްޔިތުން ފަށާފައިވާ ހަރަކާތް ފުޅާވަމުންދާތީ ސަރުކާރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސޮއިކުރުމުގެ ކަންކަން މަޑުޖެހި، ފަސްޖެހުންތަކާއި ދަތިތައް ކުރިމަތިވަމުން އަންނަ ކަމަށާއި، މި ކަމާ މެދު އީގަލް ހިލްސް ކުންފުނިން ވެސް އިތުރަށް ވިސްނަންޖެހޭ ހިސާބަށް ކަންކަން ގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

ސަރުކާރަށް މި ކަމުން ފަހަތަށް ޖެހުމަށް މިހާރު އޮތް އެންމެ ބޮޑު ހުރަހަކީ އެ ބުނާ 'ބްރަދަރ ޢަބްދުﷲ' އާ ހަވާލުކުރެވިފައިވާ ފައިސާ އަނބުރާ ދެއްކޭނެ ގޮތެއް ނެތުން ކަމަށް ޝެއިޚް އިމްރާން ތުހުމަތުކުރެއްވި އެވެ. އެ ފައިސާ ދައްކާނީ ބައެއް ބޭފުޅުންގެ ގެދޮރު ވިއްކައިގެންތޯ ނުވަތަ އެ ނޫން ގޮތަކަށްތޯ ނިންމަވާނީ އެ ބޭފުޅުން އަމިއްލަފުޅަށް ކަމަށާއި، ދިވެހި ރައްޔިތުން މި ކަން ދޫކޮށްނުލާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މީގެއިތުރުން، 2028 ގައި ވެރިކަމަށް އައުމުގެ ފުރުސަތު އޮތް ބޭފުޅުންނާ ގައުމީ ހަރަކާތުގެ ފަރާތުން މަޝްވަރާ ކުރެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ވެރިކަމެއްގައި މި އެއްބަސްވުން ބާތިލުކުރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޝެއިޚް އިމްރާން ވިދާޅުވި އެވެ.

އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ އެކަން އީގަލް ހިލްސަށް އަންގާނަން. ސޮއިކުރިކަމަށް ވިޔަސް ބަދަލެއް ނުދެވޭނެ. އަދި އަޅުގަނޑުމެން ދަންނަވާނަން މިހާރު އެ ހަމަޖެހިފައި އޮތް ގޮތަށް އިތުރަށް އެއްވެސް ފައިސާއެއް މި ކަމާ ގުޅިގެން ސަރުކާރަށް ނޫން ގޮތަކަށް އެއްވެސް ފައިސާއެއް ދީގެން ނުވާނެ. ދޭކަމަށް ވާ ނަމަ، އެއީ ތިޔަބޭފުޅުން އަމިއްލައަށް އޭގެ ޒިންމާ ނަގަންޖެހޭ އެއްޗެއް
އިމްރާން އަބްދުﷲ

ޝެއިޚް އިމްރާން ވިދާޅުވީ، މި ކަންކަން ކަށަވަރުކުރުމަށްޓަކައި ރާއްޖޭގެ ހުރިހާ ސިޔާސީ އިސްވެރިންނާއި، ބަސްކިޔާ ރައްޔިތުންނާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށާއި، އެ މަގުން މަސައްކަތް ކާމިޔާބުވާނެ ކަމަށެވެ.