ޚިޔާލުތަފާތުވުން ހުރި ބާރުތައް ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް (ޖީއެމްޓީއެމްއޯ) އަށް ބަދަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދެން މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލުން މިފަދައިން ނިންމާފައި ވަނީ ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 24 ވަނަ ރަސްމީ ޢާންމު ޖަލްސާގަ އެވެ. އެގޮތުން މާފަންނު އުތުރު ދާއިރާގެ ކައުންސިލް މެންބަރު ހުސެއިން ފުރުޝާން ވަނީ ޖީއެމްޓީއެމްއޯއަށް ބާރުތައް ދިނުމުގެ ގޮތުން މާލެ ސިޓީ ކައުންސިލްގެ ޤާނޫނީ ޒިންމާތައް އަލުން ބަހާލައި ނުވަތަ ހަނިކޮށްފައިވާ މިންވަރަށް ރިއާޔަތްކޮށް، އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެވުނު އިސްލާހުގެ މާއްދާތަކާ ދެކޮޅަށް ޝަރުއީ މަރުހަލާއެއް ފަށަންޖެހޭ ކަމަށް ވިދާޅުވެފަ އެވެ.
ޖީއެމްޓީއެމްއޯގެ މެންޑޭޓުގައި ހުރި ކަންކަމާއި މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކާ ފުށުއެރުންތަކެއް ހުރިކަމަށް ވެސް ފުރުޝާން ވިދާޅުވި އެވެ. އެހެންކަމުން މި މައްސަލާގައި ވަކި ގޮތެއް ނިމެންދެން، ޚިޔާލުތަފާތުވުން ހުރި ބާރުތައް ބަދަލުކުރުން ހުއްޓުވުމަށް ވަގުތީ އަމުރަކަށް އެދި ކޯޓަށް ދިއުމަށް ފުރުޝާން ވަނީ ހުށަހަޅުއްވާފަ އެވެ.
މާލެ ސިޓީ ކައުންސިލުގެ ޤާނޫނީ ބާރުތަކަށް އަސަރުކުރާ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގައި ހިމެނޭ ބައެއް މާއްދާތަކުގެ ދުސްތޫރީ ސައްޚަކަމާމެދު ސުވާލު އުފައްދައި، އެ މައްސަލައިގައި ޝަރުއީ މަރުހަލާ ކުރިއަށް ގެންދިއުމަށް ފާސްވެގެން ގޮސްފައި ވަނީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 13 ކައުންސިލަރުންގެ އިއްތިފާޤުންނެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 7/2010) ގެ ދަށުން މާލެ ސިޓީ ކައުންސިލަށް ޤާނޫނީ ބާރުތައް ލިބިދީފައިވާއިރު، ރައްޔިތުން އިންތިޚާބު ކޮށްފައިވާ ސިޓީ ކައުންސިލުން ޒަމާނުއްސުރެ އަދާކުރަމުން އައި މަސްއޫލިއްޔަތުތައް، މަރުކަޒީ ސަރުކާރުގެ ބާރުގެ ދަށަށް އުފައްދާފައިވާ އޮފީހަކަށް އަލުން ބަދަލުކުރުމަކީ ދުސްތޫރީ ގޮތުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމެއް ކަމަށް ކައުންސިލުން ދެކޭ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފައިވެ އެވެ.