ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައިގައި ސަރުކާރުން ސައްހަ މައުލޫމާތު ހާމަނުކުރާ ކަމަށް ވިދާޅުވެ، ގާނޫނީ އިމުގެ ތެރެއަށް ވަޑައިގެން މި ކަމުން ދުރުވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ގޮވާލައްވައިފި އެވެ.
ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ނިޝާން ވަނީ މި މައްސަލައާ ގުޅޭގޮތުން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ނިޝާން ވިދާޅުވީ މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މެދުގައި ވަރަށް ބޮޑެތި ކަންބޮޑުވުންތައް އުފެދި، އެކި ގޮތްގޮތަށް މިވާހަކަތައް ދައްކަމުންދާއިރު ވެސް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން އަދި ރައީސް މުއިއްޒު ވެސް މިކަމުގެ ސައްހަ މައުލޫމާތު ހާމަކުރައްވާފައި ނުވާ ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތައް ބަޔާންކުރާ ގޮތުން ރައްޔިތުންނަށް ސައްހަ މައުލޫމާތު ދިނުމަކީ ރައީސްގެ މައްޗަށް ލާޒިމުކުރާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އީގަލް ހިލްސްއާ އެކީގައި ކުރުމަށްޓަކައި ސަރުކާރުން ރާވާ މަޝްރޫއުތަކާ އެ ކުރިއަށްގެންދަން އެ ކުރާ ކަންތައްތަކަކީ ރާއްޖޭގެ ދުސްތޫރީ ސީދާ ގާނޫނުތަކާ ޚިލާފަށް އަދި ޝަރުއީ ގޮތުން ކަނޑައަޅާފައި ހުރި ހަމަތަކާ ޚިލާފަށް، ރާއްޖެ ސޮއިކޮށްފައި ހުރި ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ޚިލާފަށް ހިންގާ ކަމެއްމުހައްމަދު ނިޝާން އިބްރާހީމް
އެއްބަސްވުންތަކުގެ ގާނޫނީ ހަމަތަކަށް އަލިއަޅުއްވާލައްވައި ނިޝާން ވިދާޅުވީ، ދިގުލައިގެންދާ އެއްވެސް އެއްބަސްވުމެއް ނޯންނާނެ ކަމަށާއި، އެއްބަސްވުމެއްގައި ހިމެނޭ ހަސްމުންގެ މައްޗަށް ބާރުފޯރުވޭ ހިސާބުން ފެށިގެން އެ އެއްބަސްވުމެއް ބާތިލުކުރުމާއި އަދި ދޫކޮށްލުމުގެ އިޚްތިޔާރަކީ ގާނޫނުން ލިބިދޭ އިޚްތިޔާރެއް ކަމަށެވެ.
މީގެއިތުރުން، ސަރުކާރުން މި ބަސްތައް އަޑުނާހައި ކުރިއަށްދާން އުޅޭނަމަ އަދި ރައްޔިތުން މިކަމުގައި ބައިވެރިނުވެ ދޫކޮށްލައިފިނަމަ، ރާއްޖޭގެ ސަރަހައްދެއް ކޮންޓްރޯލުން ނެއްޓިގެން ދިޔައިރު އެޅި ފިޔަވަޅަކާ މެދު އަންނަން އޮތް ޖީލުތަކުން ސުވާލު އުފައްދާނެ ކަމަށް ނިޝާން ވިދާޅުވި އެވެ.
އެހެންކަމުން ދިވެހިރާއްޖޭގެ އަސްދަނޑި ސަލާމަތްކުރުމަށާއި ސަރުކާރުން އީގަލް ހިލްސްއާ އެކު ކުރިއަށްގެންދާ މަޝްރޫއުތައް ހުއްޓުވުމަށް، އިހުތިޖާޖު ކުރުމަށް ނިޝާން ގޮވާލެއްވި އެވެ.