ރަސްމާލެ މަޝްރޫއުގެ ފަހަތުގައި ފޮރުވިފައިވާ ބިރުވެރި އެތައް ކަމެއް އެބަހުރި ކަމަށާއި، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގައި ވަކި ދައުލަތެއް ގާއިމުވެގެން ދިޔުމުގެ ބިރު އެބައޮތް ކަމަށް އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވެއްޖެ އެވެ.

ރަސްމާލޭގެ ބޮޑު ބައެއް އީގަލް ހިލްސްއަށް ދާއިމީކޮށް ދީފައިވާ ކަމަށް ބުނާ މައްސަލައާ ގުޅިގެން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާޒް ސަލީމް ވިދާޅުވީ، މި މަޝްރޫއުގެ ފަހަތުގައި ހިންގަނީ ކުދިކުދި ކަންތައްތަކެއް ނޫން ކަމަށެވެ.

އެގޮތުން މީގެ ފަހަތުގައި ތައާރަފުކުރަމުން ދަނީ ޓައުންޝިޕް މޮޑެލްއެއް ކަމަށާއި، އެ މޮޑެލްގެ ފަހަތުން ފެނިގެންދަނީ ވަކި ދައުލަތެއް އުފެއްދުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.

މާޒް ސަލީމް ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ގާނޫނަށް ބޮޑެތި ބަދަލުތައް ގެންނެވީ މިކަން މިގޮތަށް ކުރިއަށްގެންދަވަން ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ދިވެހި ރައްޔިތުން ދިރިއުޅޭ ސަރަހައްދެއްގައި ވަކިން އޮންނަ ވަކި ދައުލަތެއް ގާއިމުކުރުމުގެ ފުރުސަތު ފަހިވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންވީމާ މި ތަނުގައި މި ހިންގަނީ މިއީ ހަމަ ސީދާ ވަކި ދައުލަތެއް، ދިވެހި ރައްޔިތުން އުޅޭ ސަރަހައްދެއްގައި ވަކިން އޮންނަ ވަކި ދައުލަތެއް މި ގާއިމުކުރުވަނީ. މިއީ ބިރުހުރި ކަންކަމަކީ މިއީ. އަދި ހަމައެއާއެކީގައި މީގެ ފަހަތުން ދެން އަޅުގަނޑުމެންނަށް މި ފެންނަނީ ޝަހުޔޫނީ ދައުލަތެއް އުފަންކުރުމުގެ މަސައްކަތް ހިނގަމުންދާ މަންޒަރު
އަހުމަދު ސަލީމް

މީގެ އިތުރުން، މި ކަމުގެ ތެރެއިން ޝަހުޔޫނީ ދައުލަތެއް އުފަންކުރުމުގެ މަސައްކަތް ހިނގަމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި، ސީދާ ޒަޔަނިސްޓުން މިތަނަށް އައިސް ވަޒަންވެރިވަމުންދާ ކަމަށް މާޒް ސަލީމް ވިދާޅުވި އެވެ. އަދި މިއީ ރައްޔިތުން ނުހަނު ބިރުގަނެ، ކަންބޮޑުވާންޖެހޭ ކަމެއްގެ ގޮތުގައި އޭނާ ވިދާޅުވި އެވެ. އެވެ.

މިކަން ހިނގައި ނިމުމަށްފަހު ހުއްޓުވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެކަން ފާހަގަކުރައްވައި މާޒް ސަލީމް ވަނީ، ދުރާލާ ރައްޔިތުން ނުކުމެ މިކަމުގައި އިދިކޮޅު ފަރާތްތަކާ އެކު އަޑުއުފުލުމަށް ގޮވާލައްވާފަ އެވެ.