ވިޔަފާރިއަކީ ދެފަރާތް ހަމަހަމަވާ ގޮތަށް ކުރާ ކަމެއް ކަމަށާއި، ރަސްމާލޭގެ މުއާމަލާތް ވިޔާފަރިއަކަށް ނުކިޔޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީން ގެނެސްދޭ "ދިވެހީންގެ ބިން ދިވެހީންނަށް" ކަވަރޭޖްގައި ވާހަކަ ދައްކަވަމުން ބޮންޑާ ވިދާޅުވީ މިއުޅެނީ ދިވެހި ރައްޔިތުންނަށް ސިއްރުން ގައުމު ވިއްކާލަން އުޅެނިކޮށް ފަޅާ އަރައިގެން ކަމަށެވެ. އަދި މިކަންތައްތައް ހިންގަމުންދާއިރު ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަމާއި ދެކޮޅަށް ވާހަކަ ދައްކާ ނަމަ ބަނޑިޖަހާ މަރާ އެމީހުން ގެއްލުވާލާ ހަދާ ކަމަށް ބޮންޑާ ވިދާޅުވި އެވެ. 

އެގޮތުން، ބޮންޑާ ވިދާޅުވީ އެފަދަ މަޝްރޫއުތައް ހިންގާއިރު އެ ގައުމެއްގައި ތިބޭ ސިޔާސީ ފަރާތްތަކާއި މީޑިއާތައް ގަނެލާ ކަމަށެވެ. 

ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތް ކުރާ ކުދިންތައް ބޭރަށް ގެންގޮސް އެމީހުން ބޭނުންވާ ގޮތަށް ރިޕޯޓްތައް ހައްދާފައި ފޮނުވާތަން އެބަ ފެނޭތާ އަޅުގަނޑުމެންނަށް، މިސާލަކަށް ބޭރު ގައުމުތަކުގައި މިސާލެއް މިދައްކަނީ ދުބާއީ ކަހަލަ ތަންތަން ދައްކާއިރު އެތަންތާގައި އެބަ ހުރޭ ފައްޅިތައް ވެސް އަޅާފައި އެ ވާހަކައެއް ނުދައްކާނެ ހަމައެކަނި ކޮންމެވެސް އިމާރާތެއް ހަދާފައި ހުންނަ ތަނެއްގެ ވާހަކަ މި ދައްކުވަނީ އެކުދިން ކައިރި 
އިބްރާހީމް ރަޝީދު (ބޮންޑާ)

ރަސްމާލެ ބޭރުގެ ބަޔަކަށް ދިނުމުގައި ވިޔަފާރީގެ މުއާމަލާތެއް ނެތްކަން ފާހަގަކުރައްވާ ބޮންޑާ ވިދާޅުވީ މި މަޝްރޫއިން ދިވެހިރާއްޖޭއަށް އާމްދަނީ ލިބޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ.

މިހާރު ވެސް ރައްޔިތުންގެ ފައިސާއިން އެއް ބިލިއަން ޑޮލަރު އިންވެސްޓް ކޮށްފައިވީ ނަމަވެސް އެ ފައިސާ އަނބުރާ ލިބިފައި ނުވާ ކަމަށް ބޮންޑާ ވިދާޅުވި އެވެ. ހަމައެއާއެކު ވަޒަންވެރިކަން ވިއްކުން ފަދަ ކަންކަން ކުރަނީ ވަރަށް އެކަހެރިކޮށް އޮންނަ މީހުން ނުދާ ތަންތަނުގައި ކަމަށާއި ދިވެހިރާއްޖެއަކީ އެކަހަލަ ތަނެއް ނޫން ކަމަށް ބޮންޑާ ވިދާޅުވި އެވެ.