ޕޯސްޓް އަދި ކޫރިއަރ މެދުވެރިކޮށް، ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ 29 އޮކްޓޫބަރު 2026 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރޭގައި މަސްތުވާތަކެތި ފޮރުވާފައި ހުރިކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. 

ކަސްޓަމްސްއިން ބުނީ، ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބަރުދަނުގައި 2123 ގްރާމް ނުވަތަ 2.1 ކިލޯ ހުރި ކަމަށެވެ. އަތުލައިގަތީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ. 

މީގެ އިތުރުން، ކަސްޓަމްސްއިން ބުނީ، ކޫރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. 

ކަސްޓަމްސްއިން ބުނީ، ކޫރިއަރ މެދުވެރިކޮށް މިދިޔަ މަހުގެ 31 ވަނަ ދުވަހު އަތުލައިގަތީ 1030 ގްރާމް ނުވަތަ އެއް ކިލޯގެ މަސްތުވާތަކެތި ކަމަށެވެ. އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ. 

ދޭތެރެދޭތެރެއިން ރާއްޖެއަށް ކަނޑުމަގުންނާއި، ވައިގެ މަގުން އެތެރެކުރާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެ އެވެ. އަދި އަތުލައިގަނެވޭ މަސްތުވާތަކެތި ފުލުހުންނާ ހަވާލުކޮށް އިތުރަށް މި މައްސަލަތައް ތަހުގީގު ކުރެ އެވެ.