ރަސްމާލެ މަޝްރޫއު ހުއްޓުވަން ޖެހޭ ހާލަތެއްގައި، ފަތާފައި ގޮސްގެން ނަމަވެސް އެ މަޝްރޫއު ހުއްޓުވާނެ ކަމަށާއި، މި ގައުމު ވެއްޓޭ ކޮންމެ އަނދަވަޅަކުން ސަލާމަތްކުރާނީ ދިވެހި ދަރިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަންފަރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ވިދާޅުވެއްޖެ އެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" މި ނަމުގައި ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ކުއްލި ހަރަކާތުގައި ވާހަކަދައްކަވަމުން މޮސްޓާ ވިދާޅުވީ، ރާއްޖެ ތާރީޚުގައި ވެއްޓުނު ކޮންމެ އަނދަވަޅަކުން ވެސް ގައުމު ސަލާމަތްކޮށްދިނީ ބޭރު ބައެއް ނޫން ކަމަށާއި، މި ގައުމަށް އުފަން ދިވެހި ދަރިން ކަމަށެވެ. އަދި މިފަހަރު ވެސް މި ހާލަތުން ގައުމު ސަލާމަތްކުރާނީ ހަމަ ދިވެހީން ކަމަށް އޭނާ ވިދާޅުވި އެވެ.

މޮސްޓާ ވިދާޅުވީ ގައުމު ސަލާމަތްކުރުމަށް މިއަދު ވެސް އަދި މާދަމާ ވެސް މޭ އައްޑަނައަކަށް ދިއްކުރަން ޖެހޭނަމަ އެކަން ކުރަން ދިވެހި ދަރިން ތިބީ ތައްޔާރަށް ކަމަށެވެ.

މިއަދުވެސް، މާދަމާވެސް މޭ އައްޑަނައަކަށް ދިއްކުރަން ޖެހިއްޖެއްޔާ، އައްޑަނައަކަށް ދިއްކޮށްގެން ވެސް މި ގައުމު ސަލާމަތްކުރަން، ރަސްމާލެ ހުއްޓުވަން ޖެހިއްޖެއްޔާ، އެ ޕްރޮޖެކްޓު ހުއްޓުވަން ފަތާފައިވިޔަސް އެ ތަނަށް ގޮސްގެން އެކަން ކުރާނެ
މުހައްމަދު ނަޝީދު އަބްދުﷲ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް އިޝާރާތް ކުރައްވައި މޮސްޓާ ވިދާޅުވީ، ވެރިކަން ނިމުމަކަށް އަންނަން ގިނަ ދުވަހެއް ނެތް ކަމަށެވެ. އަދި ރައީސް މުއިއްޒު ގާނޫނާއި އިންސާފުގެ ކުރިމައްޗަށް ގެނެސް، ޖަލު ހުކުމެއް ތަންފީޒުކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން މޮސްޓާ ވަނީ ރައީސް މުއިއްޒުގެ އިތުރުން ބަންޑާރަނައިބު އަހުމަދު އުޝާމް އަދި ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބުގެ ނަން ފާހަގަކުރައްވައި، ގައުމަށް ގައްދާރުވާ ފަރާތްތަކަށް ހައްގު އަދަބު ލިބެންޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. އަދި މި ސަރަހައްދުގެ ބިންތައް ބޭރުގެ ޒަޔަނިސްޓުންނަށް ރައްކާތެރި މާހައުލެއް ހޯދައިދިނުމުގެ ބޭނުމުގައި ވިއްކާލަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވައި، އެފަދަ ކަންކަން ވަގުތުން ވަގުތަށް ހުއްޓާލުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.