ސްކޫލު ދަރިވަރުންތަކެއް، އިންޓަރނެޓް މެދުވެރިކޮށް އެހެން ދަރިވަރަކަށް ބުލީ ކުރި މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ. 

ފުލުހުން މީޑިއާތަކާ ހިއްސާ ކުރި މެސެޖެއްގައި ބުނީ ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްގެ ސްކޫލު ދަރިވަރުންތަކެއް، އެހެން ދަރިވަރަކަށް އިންޓަނެޓް މެދުވެރިކޮށް ބުލީކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުން ތަހުގީގުކުރަމުން ގެންދާ ކަމަށެވެ. 

އެ މައްސަލައިގެ އިތުރު ތަފުސީލެއް ފުލުހުން ނުދެ އެވެ.

ބުލީ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާއިރު މިފަހަކަށް އައިސް މީސްމީޑިއާގައި ތަފާތު އެކި ފޮޓޯތަކާއި، ލިޔުންތަކާއި، މަލާމާތް ރައްދުވާ ގޮތަށް ޝާއިއުކޮށް ދަނީ އާންމު ކުރަމުންނެވެ. މިކަމާ ގުޅިގެން ބުލީކުރުން ކުށަކަށް ހަދައި އެކަން ހުއްޓުވުމަށް، އެންޓި ބުލީ ގާނޫނެއް ހަދަން ނިންމައިފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފަ އެވެ. 

އެންޓި ބުލީގެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހުން ކުރަމުންދާއިރު ބުލީކުރުމާއި ދެކޮޅަށް ހަރުދަނާ ގާނޫނީ ފިޔަވަޅުތަކެއް އަޅަން ކުރެވެންހުރި ކަންކަން ސަރުކާރުން ކުރަމުންދާ ކަމަށާއި، އެންޓި ބުލީން ގާނޫނަކީ އޭގެތެރޭގައި ހިމެނޭ މަސައްކަތެއް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ. އަދި އެ ގާނޫނު އެކުލަވާލުމުގެ މަސައްކަތް ކުރަމުންދަނީ ބުލީކުރުމާއި ދެކޮޅަށް މަސައްކަތް ކުރަމުންދާ ފަންނީ މީހުންނާއި ސްޓޭކް ހޯލްޑަރުންގެ މަޝްވަރާގެ މަތިންކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

މި ގާނޫނުގެ ތެރެއިން ބުލީކުރުމުގެ އަމަލަކީ ކޮބާ ކަމާއި، އެފަދަ ކަންކަން ކުރާ ފަރާތްތަކަށް އަޅާނެ ފިޔަވަޅުތަކާއި އަދަބުތައް ބަޔާން ކުރާނެ އެވެ. އަދި އެކި މާހައުލުތަކުގައި މިފަދަ އަމަލުތައް ހުއްޓުވުމަށް، އެކި ފަރާތްތަކުގެ ޒިންމާތަކާއި ތައުލީމު ދޭ މަރުކަޒުތަކާއި އެހެނިހެން ތަންތަނުގައި މިކަމަށް ހޭލުންތެރި ކުރުވުމަށާއި، ހުއްޓުވުމަށް ކުރަން ޖެހޭނެ ކަންކަން ބަޔާން ކުރުމަކީ ވެސް މި ގާނޫނުގެ މަގްސަދެއް ކަމަށް ވަނީ ބުނެފަ އެވެ. 

މީގެ އިތުރުން އޮންލައިންކޮށް ބުލީ ކުރުން ހުއްޓުވުމުގެ ބައިތަކާއި ސްކޫލުތަކާއި އޮފީސްތަކުގެ އިތުރުން މުޖުތަމައުގައި ބުލީ ކުރުން ޚާއްސަ ސިޔާސަތުތަކެއް އެކުލަވައިލުމުގެ ބައިތައް ވެސް ގާނޫނުގައި ތަފުސީލުކޮށް ހިމަނާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.