މި ހިނގާ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 7 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްއާ ގުޅޭ އެކި ބާވަތުގެ 38 މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ބުނެފި އެވެ. 

އެ ސެންޓަރުން އާންމު ކޮށްފައިވާ ފާއިތުވި ހަފްތާގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފްތާގައި އެކަނި ވެސް ސްކޭމްގެ މައްސަލަތަކުގައި 3 ލައްކަ އަށް ވުރެ ގިނަ އަދަދެއްގެ ފައިސާ ވަނީ ގެއްލިފަ އެވެ. އެގޮތުން ޖުމްލަ 356,163.40 (ތިން ލައްކަ ފަންސާސް ހަ ހާސް ސަތޭކަ ފަސްދޮޅަސް އިން ރުފިޔާ ސާޅިސް ލާރި) ގެއްލިފައިވާ ކަމަށް ތަފާސްހިސާބުގައިވެ އެވެ.

ގެއްލުނު ފައިސާގެ 67.99 އިންސައްތަ ފައިސާ އަނބުރާ ހޯދާފައިވާއިރު، ހޯދިފައި ވަނީ ޖުމްލަ 245,389.64 (ދެ ލައްކަ ސާޅިސް ފަސް ހާސް، ތިން ސަތޭކަ އަށްޑިހަ ނުވަ ރުފިޔާ ފަސްދޮޅަސް ހަތަރު ލާރި) ކަމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ ބުނެފަ އެވެ. 

ފާއިތުވި ހަފްތާގައި އެންމެ ގިނައީ ފައިސާ މާރުކުރުމުގެ ނަމުގައި ހިންގާފައިވާ ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 12 ހުށަހެޅުނު ކަމަށް އެ ސެންޓަރުން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން އީ-ކޮމާސްއާ ގުޅޭ 9 މައްސަލަ، ހުއްދަ ނެތް ޓްރާންސެކްޝަންގެ 4 މައްސަލަ، އިންވެސްޓްމަންޓްއާ ގުޅޭ 4 މައްސަލަ، ބުކިންގ ކެންސަލް / ރިފަންޑްގެ 3 މައްސަލަ، ނޭނގުމުގެ ތެރޭގައި ހިންގާ ސްކޭމްގެ 3 މައްސަލަ އާއި އެހެނިހެން 3 މައްސަލަ ހިމެނޭ ކަމަށް އެ ސެންޓަރުން ބުނެފައިވެ އެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނީ އެއްވެސް މީހަކު އެމީހެއްގެ ޕިން، އޯޓީޕީ ނުވަތަ ބޭންކް ކޯޑް އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި ބޭންކުން ނުވަތަ އެއްވެސް އިދާރާއެއްގެ ނަމުގައި ގުޅައިގެން އޯޓީޕީ އަށް އެދުނަސް އެއީ ސްކޭމް ކުރުމަށް ހޯދާ މައުލޫމާތު ކަމަށާއި އެފަދަ ކޯލެއް ލިބިއްޖެނަމަ ވަގުތުން ފޯނު ކަނޑާލައި ރިޕޯޓް ކުރުމަށް އެދޭ ކަމަށެވެ.