21 Jan 2018, 20:32
އަފްޣާނިސްތާނުގެ ކާބުލްގައި ހުންނަ އިންޓަކޮންޓިނެންޓަލް ހޮޓަލަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަދެ ބަޑިން ހަމަލާދިން މަންޒަރަކީ ބިރުވެރި މަންޒަރެއް ކަމަށް މަންޒަރު ދުއް ބައެއް މީހުން ބުނެފި އެވެ.
ރޭގެ ވަގުތެއްގައި ބަޔަކު ދިން ހަމަލާގައި އަފްޣާނިސްތާނުގެ ހަތަރު މީހަކު ހިމެނޭ ގޮތަށް ޖުމްލަ 14 މީހަކު ވަނީ މަރުވެފަ އެވެ.
ސަލާމަތީ ސަބަބުތަކަށް ޓަކައި ނަން ހާމަނުކޮށް ބީބީސީއަށް ފެނުނު މަންޒަރުތައް ކިޔާދިން މީހަކު ބުނެފައިވަނީ ހަމަލާ ދިން މީހުން އެންމެ ފުރަތަމަ އެ ހޮޓަލަށް ވެދެފައިވަނީ ރޭގެ ނުވައެއްޖަހާ އެހާއިރު ކަމަށެވެ. އެވަގުތަކީ ހޮޓަލުގެ ގެސްޓުން ރޭގަނޑު ކެއުމަށް ހެޓަލުގެ ރެސްޓޯރެންޓްގައި ތިބި ވަގުތު ކަމަށް އެމީހާ ބުންޏެވެ.
އެންމެ ފުރަތަމަ ބަޑި ޖަހަން ފެށީ ބީބީސީއަށް އެވާހަކަތަށް ކިޔައިދިން މީހާ އޭނާގެ ދަރިފުޅާ އެކު ކާން އިންދައި ކަމަށް ކިޔައިދީފައިވެ އެވެ.
"ގައުމުން ބޭރު މީހެއް ކަމަށް ނިންމައި އެންމެ ފުރަތަމަ ބަޑި ޖަހައި މަރާލީ އަންހެނެއް. ދެން ބަޑި ދިއްކޮށްލީ އަހަންނާ ދިމާލަށް. އެވަގުތު އަހަރެން ހަޅޭލަވައި ގަތިން. އަހަންނަކީ އަފްޣާން މީހެކޭ ބުނިން،" އެމީހާ ކިޔައިދިނެވެ.
އެހިސާބުން އެމީހުން އަޑު ބާރަށް އަފްޣާން މީހުން ނުމަރާނަމޭ ބުނެ ގައުމުން ބޭރު މީހުން ހޯދަން ނުކުތް ކަމަށް އެމީހާ ބުންޏެވެ. އަދި އެމީހުން ކޮބާތޯ ސުވާލު ކުރަމުން ދިޔަ ކަމަށް ބުންޏެވެ.
ހަމަލާ ދިން މީހުން އެރޭ ކެއީ އެ ހޮޓަލުން
މަންޒަރު ދުއް ހަސީބު ނަމަކަށް ކިޔާ މީހަކު ބުނެފައިވާގޮތުގައި އެމީހުން އެންމެ ފުރަތަމަ ހޮޓަލަށް އައިސް ރޭގަނޑުގެ ކެއުން އެ ހޮޓަލުން ވަނީ ކައިފައެވެ.
"އެމީހުން ތިބީ ވަރަށް ސްޓައިލިޝްކޮށް ހެދުން އަޅައިގެން. އެންމެ ފުރަތަމަ އައިސްފަ ކާ އެއްޗިހި ދޭން ބުނި. ކައި ނިންމައިގެން ޝުކުރު އަދާކޮށްފައި އެމީހުން ތިބި ގޮނޑީގައި އިށީދެފަ ބަޑި ނަގައި މީހުން ގަޔަށް ޖަހަން ފެށީ،" ހަސީބު ބުންޏެވެ.
ހަސީބުގެ ވަށައިގެން ތިބި ގިނަ އަދަދެއްގެ މީހުންނަށް އެމީހުން ހަމަލާދީ މަރާލި ކަމަށް އޭނާ ބުންޏެވެ.
އެ ހޮޓަލުގައި ތިބި ގިނަ މީހުން ސަލާމަތް ވުމަށް ބެޑް ޝީޓް ބޭނުންކޮށްގެން މަތީ ފްލޯ ތަކުން ތިރީ ފްލޯ ތަކަށް ފައިބަން ބެލްކަނީ ބޭނުން ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
އަފްޣާން އޮފިޝަލުން ވިދާޅުވި ގޮތުގައި ރެއިން ފެށިގެން 12 ގަޑި އިރު ވަންދެން އެހޮޓެލް އޮތީ ތިން މީހެއްގެ ހިސާރުގެ ދަށުގައި ނަމަވެސް، ސަލާމަތީ ފައުޖުތަކުން ވަނީ އެތިން މީހުންވެސް މަރާލައިފައެވެ. އަދި ސިފައިން ވަނީ ހޮޓެލުގައި ރަހީނުކޮށްފައި ތިބި 160 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފައި ކަމަށް އެގައުމުގެ އިންޓީރިއާ މިނިސްޓްރީން ބުންޏެވެ.
އެހަމަލާ ދީފައި ވަނީ ކާބުލްގެ ހޮޓަލަކަށް ހަމަލާއެއް ދޭން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އަފްޣާނުގައި ހުންނަ އެމެރިކާ އެމްބަސީން ބުނި ފަހުންނެވެ. އެގޮތުން "ހައްދުފަހަނަ އަޅާފައިވާ ޖަމާއަތްތަކުން" އާއްމު ތަންތަނަށާއި ސަރުކާރުގެ އިދާރާތަކަށާއި ފަތުރުވެރިން އެއްވެ އުޅޭ ތަންތަނަށް ހަމަލާދީފާނެ ކަމުގެ އިންޒާރު އެ އެމްބަސީން ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދީފައެވެ.
ދައުލަތުގެ ލަގްޒަރީ ހޮޓަލެއް ކަމަށްވާ އިންޓަކޮންޓިނެންޓަލް ހޮޓެލަކީ ކައިވެނި ހަފްލާތަކާއި ކޮންފަރެންސްތަކާއި ސިޔާސީ އެއްވުންތައް އާއްމުކޮށް ބާއްވާ ތަނެކެވެ. އަދި މީގެ ކުރިންވެސް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ވަނީ އެހޮޓަލަށް ހަމަލާދީފައެވެ. އެގޮތުން 2011 ވަނަ އަހަރު ތާލިބާނުން ދިން ހަމަލާއެއްގައި 12 މީހަކު ވަނީ މަރުވެފައެވެ.