22 Jan 2018, 11:50
ކޯލިޝަނެއްގެ ތާއީދާއެކު ވެރިކަމަށް އައުމަށް ފަހު ކޯލިޝަން ރޫޅާލައިފި ނަމަ ސަރުކާރު ރޫޅޭ ގޮތަށް ގާނޫނުއަސާސީ ބަދަލު ކުރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކޮލަމްބޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނަޝީދު ވިދާޅުވީ، ކޯލިޝަން ސަރުކާރެއް ރޫޅުނަ ނުދީ ހިފެހެއްޓޭނެ ހަމަ އެކަނި މަގެއް ކަމަށް ފެންނަނީ އެގޮތަށް ގާނޫނުއަސާސީ ބަދަލު ކުރުން ކަމަށެވެ.
ނަޝީދު އެހެން ވިދާޅުވެފައިވާއިރު އެމަނިކުފާނު ވެރިކަމަށް ވަޑައިގަންނަވަން ތާއީދު ކުރެއްވި ކޯލިޝަންވެސް ރޫޅުނެވެ. ހަމަ އެއާއެކު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ގެނައުމަށް ހެއްދެވި ކޯލިޝަންވެސް ވަނީ ރޫޅިފައެވެ.
" އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ކޯލިޝަން ރޫޅުމަށް ޖާގަ ނުދޭންވީއޭ. ރޫޅިގެން މިދަނީ އެޔަށް ގާނޫނީ ފަރުވާއެއް ނެތުނީމަ. އިންތިހާބަށް މި އަންނަނީ އިއްތިހާދަކުން. ރައްޔިތުން ވޯޓު ދެނީ އިއްތިހާދަކަށް. އެހެންނަމަވެސް ސަރުކާރަށް ވަޑައިގެންފަ މި އިއްތިހާދު ރޫޅިދަނީ. އެކަމަކު ސަރުކާރެއް ނުރޫޅޭ. އެއީ ހަމަޖެހޭ ކަމެއް ނޫން،" ކޮލަމްބޯގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނަށް ކުރިމަތި ނުލެވޭ ހާލަތެއް ދިމާވި ނަމަވެސް އިދިކޮޅު ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓަކު ނެރިގެން ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށެވެ.
އަދި އިދިކޮޅު ފަރާތްތަކުން ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރާނެ ކަމަށް ހީފުޅު ނުކުރެއްވުމަށާއި އިންތިހާބަކީ ރައީސް ޔާމީނަށް ފަސޭހަ އިންހާބަކަށް ވިޔަ ނުދޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އިންތިހާބު އިދިކޮޅުން ކާމިޔާބު ކުރާނީ 70 ޕަސެންޓް ހޯދައިގެން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންވާ ފޯމިއުލާއަކީ އދ.ގެ ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހެޅުއްވި މައްސަލަ މާޗު މަހު ނިންމައި، އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެވޭނެ ކަމަށް އދ.އިން ކަނޑައެޅުމެވެ.
ނަމަވެސް އދ.އިން އެހެން ނިންމި ނަމަވެސް އެ ފުރުސަތު ރައީސް ޔާމީން ނުދެއްވައިފި ނަމަ އިދިކޮޅު ކެންޑިޑޭޓެއް ނެރެ ރައީސް ޔާމީން ބަލިކުރާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
" އަޅުގަނޑަށްވެސް އެނގޭ އދ.އިން ނިންމާ ގޮތަށް ރައީސް ޔާމީން އަދި އެއްބަސްވެވަޑައި ނުގެންފާނެ ކަން. އެއީ އަޅުގަނޑުމެނަށްވެސް ފެންނަ ތަނެއް. އެފަދަ ހާލަތްތައް މެދުވެރިވީމާވެސް އަޅުގަނޑުމެން ގުޅިފައި އޮތް ޕާޓީތަކުން އެއް ކެންޑިޑޭޓް ނެރެ މި އިންތިހާބުގައި އަޅުގަނޑުމެން ރައީސް ޔާމީން ބަލިކުރާނަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ނުވަދިހައިގެ އަހަރުތަކުގައި ޑިމޮކްރެސީ ސޮއްސިއްގެން ގޮސްފައި އޮތް މިންވަރަށް އަދި ސޮއްސިގެން ނުދާކަން ފާހަގަކޮށް ނަޝީދު ވިދާޅުވީ މިހާރުވެސް ސިޔާސީ ޕާޓީތަކަށް ހަރަކާތްތެރިވުމުގެ ފުރުސަތު ކޮންމެވެސް މިންވަރަކަށް އެބައޮތް ކަމަށާއި އަދި ނޫސްވެރިކަމަށްވެސް ކޮންމެވެސް މިންވަރެއްގެ ލުޔެއް އެބައޮތް ކަމަށެއެވެ.
" އަޅުގަނޑު މިދެކެނީ އަޅުގަނޑުމެނަށް މި ލިބިފައި އޮތް ޖާގައިގެ ތެރޭގައި އަޅުގަނޑުމެނަށް ހަރަކާތްތެރިިވެވިގެން ގޮސް މި އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް،" ނަޝީދު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓެއް ނެރުމަށް، ގުޅިފައިވާ ޕާޓީތަކުން ކޮމިޓީއެއް އެކުލަވާލައި ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް އެ މަޝްވަރާތަކާ ބެހޭ މާބޮޑު ތަފްސީލެއް މީޑިއާއަށް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.