23 Jan 2018, 16:08
ރާއްޖޭގެ ފަތުރުވެރިކަން މާކެޓުކުރުމަށް 2017 ވަނަ އަހަރަށް ކަނޑައެޅި ބަޖެޓު ކުޑަވި މައްސަލައިގައި ސަރުކާރާ މަޝްވަރާކުރުމުން، އެކަމަށް ބަޖެޓު އިތުރުކޮށްދެއްވި ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)އިން ބުނެފިއެވެ.
މަޓީއިން ނެރުނު އެޖަމިއްޔާގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ އަހަރުގެ ތެރޭގައި ރާއްޖޭގެ ފަތުރުވެރިކަން މާކެޓުކުރާ ބަޖެޓު ކުޑަވުމުން މަޓީއިން ވަނީ އެކަމުގެ ކަންބޮޑުވުން ސަރުކާރާ ހިއްސާކޮށްފައެވެ.
މިދިޔަ އަހަރުގެ ޖެނުއަރީ 18 ގައި ބޭއްވި މަޓީގެ ބޯޑު ބައްދަލުވުމުގައި، ޑެސްޓިނޭޝަން މާކެޓިންގް ބަޖެޓު ބޮޑުކުރުމަށް ސަރުކާރުގައި ލޮބީކުރުމަށް މަޓީއިން ނިންމިއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުން ޑެސްޓިނޭޝަން މާކެޓިންގްއަށް އިތުރު ފައިސާ ފޯރުކޮށްދިން ކަމަށާއި، 2017 ވަނަ އަހަރު ކުރުމަށް ރޭވި ގިނަ މަސައްކަތްތައް އެމްއެމްޕީއާރުސީއަށް ވެސް ކުރެވިފައިވާ ކަމަށް މަޓީއިން ބުންޏެވެ.
މިދިޔަ އަހަރުގެ ޓޫރިޒަމް މާކެޓިންގް ބަޖެޓު ކުޑަވުމުގެ ސަބަބުން މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަނުން ވަނީ މާކެޓިންގް ައެވެ.
މަޓީއިން ބުނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަޓީއިން ވަނީ މަޓާޓޯގެ އޮފިޝަލުންނާ ބައްދަލުކޮށް، ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރުމާ ބެހޭގޮތުން މަޝްވަރާ ކޮށްފައި ކަމަށެވެ.
"ދެ ޖަމިއްޔާއިންވެސް ގަބޫލުކުރާ ގޮތުގައި ޑެސްޓިނޭޝަން މާކެޓިންގްއަށް އެކަށީގެންވާ މަސައްކަތެއް ކުރެވެމުންނެއް ނުދޭ،" މަޓީގެ 2017 ވަނަ އަހަރުގެ އަހަރީ ރިޕޯޓުގައި ވެއެވެ.
"ދައިރާގެ އާ ޕްރޮޕަޓީތައް ހުޅުވެމުން އަންނަ ހިނދު، ރާއްޖެ މާކެޓު ކުރުމަށް އިތުރަށް މަސައްކަތްތަކެއް ކުރަންޖެހޭ،"
މަޓީއިން ބުނީ، ޑެސްޓިނޭޝަން މާކެޓިންގްގެ ދާއިރާގައި މަޓާޓޯއާ ގުޅިގެން މަސައްކަތް ކުރުމަށް ނިންމާފައިވާ ކަމަށެވެ. މަޓާޓޯއަކީ ބޭރު ގައުމުތަކުގައި ބާއްވާ ގިނަ ޓޫރިޒަމް ޕްރޮމޯޝަން ފެއާތަކުގައި، ރާއްޖޭގެ އެކި ކުންފުނިތަކާ އެކު ކޮންމެ އަހަރަކުވެސް ބައިވެރިވާ ޖަމިއްޔާއެކެވެ.
މީގެ އިތުރުން މިދިޔަ އަހަރުގެ ތެރޭގައި މަޓީގެ ބޯޑު މެމްބަރުން ވަނީ ޖަރުމަނުގައި ހުންނަވާ ދިވެހި ސަފީރު ޖަމީލާ އަލީ ޚާލިދާ ބައްދަލުކުރައްވައި، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމާ ބެހޭގޮތުން މަޝްވަރާ ކުރައްވައިފައެވެ. ޖަރުމަނަކީ ރާއްޖެއަށް ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމެވެ.
އަދި މަޓީއިން މިިދިޔަ އަހަރުގެ ތެރޭގައި ބޭންކް އޮފް މޯލްޑިވްސް އަދި އެމެރިކަން އެކްސްޕްރެސްގެ އޮފިޝަލުންނާވެސް ބައްދަލުކޮށް، ޑެސްޓިނޭޝަން މާކެޓިންގްއާ ބެހޭ މަޝްވަރާތަކެއް ކޮށްފައިވެއެވެ.