ގައުމީ ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަންއިން އެ ޔުނިވާސިޓީގެ ދަރިވަރުންގެ އެކި ހުނަރުތައް ހުށަހަޅައިދިނުމަށް ޕްލެޓްފޯމެއް ހޯދައިދިނުމަށްް މަހަލްދީބް ފައުންޑޭޝަނާއެކު ސޮއިކޮށްފިއެވެ.

ގައުމީ ޔުނިވާސިޓީގައި މިއަދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔުނިވާސިޓީ ސްޓޫޑަންޓް ޔޫނިއަންގެ ފަރާތުން އެ ޖަމިއްޔާގެ ރައީސް އަރުޝަދު ސޮއި ކުރެއްވިއިރު މަހަލްދީބް ފައުންޑޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެންޖީއޯގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް ހާދީ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހާދީ ވިދާޅުވީ، ސިިލްސިލާތަކެއްގެ ގޮތުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ސެޝަންތަކުގައި ދަރިވަރުން އެކި މައުލޫތަކަށް ވާހަކަ ދެއްކުމަށް ހަމޖެހިފައިވާ ކަމަށެވެ.

"ކުދިންނަށް ތައާރަފްކުރާ ޕްލެޓްފޯމެއް މިއީ ހަގީގަތުގައި. ތަފާތު ދާއިރާތަކަށް ލެކްޗަރު ދިނުމުގެ ހުނަރު އެކުދިންގެ ގައިގައި އަށަގެންނެވުމަށް،" ހާދީ ވިދާޅުވިއެވެ.

ޔުނިވާސިޓީ ސްޓޫޑަންޓް ޔޫނިއަންގެ ރައީސް އަރުޝަދު ވިދާޅުވީ ދަރިވަރުންގެ ހުނަރުތައް ދައްކައިދިނުމުގެ ގޮތުން ތަފާތު ޕްރޮގްރާމްތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށެވެ.

" މީގަ އަޅުގަނޑުމެން އެންމެ އިސްކަންދެނީ ދަރިވަރުންގެ ފަރާތުން ތަފާތު އެކި ހުނަރުތައް ދައްކައިދިނުމާއި ތަފާތު އެކި ކަންތައްތައް ހުށަހަޅައިދިނުމުގެ ކަންތައްތައް ކުރިއަށް ގެންދާނެ ޕްލެޓްފޯމެއް އަޅުގަނޑުމެން މިފަރާތާއެކު ގުޅިގެން ގާއިމުކުރަން. މީތި ތަފާތު ސީރީޒެއްގޮތަށް އަހަރުތެރެއަށް ބަހާލައިގެން އަޅުގަނޑުމެން ތަފާތު ޕްރޮގްރާމްތަކެއް ގެންދިޔުމަށް ވަނީ ހަމަޖެހިފައި،" އަރުޝަދު ވިދާޅުވިއެވެ.

އަރުޝަދު ވިދާޅުވީ އެ ސެޝަންތައް އަތޮޅުތަކުގެ ކެމްޕަސްތަކުގައި ވެސް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ދަރިވަރުންގެ މެދުގައި އެކިއެކި ހުނަރުތައް ތަރައްގީ ކުރުމުގެ ގޮތުން މަހަލްދީބް ފައުންޑޭޝަނުން މީގެ ކުރިންވެސް ވަނީ ރާއްޖޭގެ އެހެނިހެން ކޮލެޖުތަކާއެކު ވެސް ސެޝަންތައް ނަގައިދީފައެވެ.