24 Jan 2018, 17:32
މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައިވާ ރިޓަޔަޑް ޖެނެރަލް ސާމީ އަނާން މިސްރު ސިފައިންގެ ބެލުމުގެ ދަށަށް ގެނެސް ހައްޔަރު ކުރުމާ ގުޅިގެން އަންނާގެ ޕާޓީއާއި މިސްރުގެ އިދިކޮޅު ފަރާތްތައް ރުޅިގަދަވެއްޖެއެވެ.
މިމައްސަލާގައި އަނާންގެ ޕާޓީން ބުނީ އަނާން ހައްޔަރުކުރީ މިސްރުގެ ރައީސް އަބްދުލްފައްތާޙް އައްސީސީ އަށް އިންތިޚާބުގައި ގޮންޖަހާލެވޭފަދަ ބޭފުޅަކަށް އޭނާ ވުމުން ކަމުގައެވެ. މިސްރުގެ ރިޔާސަތަށް ކުރިން ކުރިމަތިލެއްވި ސިޔާސީ ތަޖުރިބާކާރު ބޭފުޅެއްކަމަށްވާ އަބްދުލްމުންއިމް އަބުލްފުތޫޙް ވިދާޅުވީ މިއީ ސީދާ ރައީސް ސިސީ ގެ އަމުރަށް މިސްރު ސިފައިން ހިންގި އަމަލެއްކަމުގައެވެ. މިއާއެކު މިސްރުގެ ސިޔާސީ ޕާޓީތަކުންވަނީ ރިޔާސީ އިންތިޚާބުގައި ސީސީއާ ވާދަނުކޮށް އިންތިޚާބު ބޮއިކަޓް ކުރުމަށް ގޮވާލާފައެވެ.
ރިޓަޔަޑް ޖެނެރަލް ސާމީ އަނާން އަކީ މިސްރު ސިފައިންގެ ބައެއް އިސް ފަރާތްތަކާއި ކުރީގެ ރައީސް ހުސްނީ މުބާރަކަށް ތާއީދުކުރާ ފަރާތްތަކުގެ ތާއީދުވެސް އޮތް ބޭފުޅެއްކަމަށް ވެއެވެ. ކުރީގެ ރައީސް ހުސްނީ މުބާރަކަކީވެސް ސިފައިންގެ ޖެނެރަލެކެވެ. އޭނާއަކީ އެއާފޯސް ޕައިލެޓެއްވެސް މެއެވެ. މިސްރުގެ ސިޔާސީ މަސްރަޙް ކޮންޓްރޯލް ކުރަނީ ޒަމާނުއްސުރެވެސް ސިފައިންގެ މުއައްސަސާއިން ކަމަށްވާއިރު ރައީސް އަބްދުލްފައްތާޙް އައްސީސީ އާ ދެކޮޅަށް ރިޓަޔަޑް ޖެނެރަލް ސާމީ އަނާން ނުކުންނަވާނީ ސިފައިންގެ ނުފޫޒުހުރި ފަރާތްތަކެއްގެ ތާއީދާއި އެއްބާރުލުން އޭނާއަށް ލިބިގެންކަމަށް ގިނަ ފަރާތްތަކަކުން ދެކެއެވެ.

ރިޓަޔަޑް ޖެނެރަލް ސާމީ ޢަނާން
އުމުރުން ހަތްދިހަ އަހަރުގެ އަނާންއަކީ ފަރަންސޭސިވިލާތުންނާއި ރަޝިޔާއިން މަތީފެންވަރުގެ އަސްކަރީ ތައްލީމް ހާސިލް ކުރައްވާފައިވާ އަދި ސިފައިންގެ އިސް މަގާމުތަކެއް ދިގުމުއްދަތަކަށް އަދާކުރައްވާފައިވާ ތަޖުރިބާކާރު ޖެނެރަލެކެވެ. އޭނާ އަދާކުރެއްވި އަސްކަރީ މަގާމްތަކުގެ ތެރޭގައި ސިފައިންގެ ލަޝްކަރުތަކުގެ ޖެނެރަލް ކޮމާންޑަރު ކަމުގެ މަގާމާއި ޗީފް އޮފްސްޓާފް ކަމުގެ މަގާމުވެސް ހިމެނެއެވެ. މީގެއިތުރުން މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީގެ އަސްކަރީ މުސްތަޝާރުކަންވެސް ޖެނެރަލް ސާމީ ކުރައްވާފައިވެއެވެ.
ސާމީ އަނާން ހައްޔަރުކުރީ މިސްރުގެ ރިޔާސީ ރޭހަށް ކުރިމަތިލައްވާނެކަން އިއްލާން ކުރެއްވިތާ ތިން ދުވަސް ފަހުންނެވެ. ސާމީ އަނާންގެ މައްޗަށް މިސްރު ސިފައިންގެ އަސްކަރީ ޕްރޮސެކިއުޓަރ ކުރައްވާފައި ވަނީ މިސްރުގެ އަސްކަރީ ކޯޑާ ޚިލާފަށް އިންތިޚާބުގައި ވާދަކުރަން ނިންމުމާއި ވަގު ލިޔުންތަކެއް ތައްޔާރު ކުރެއްވުމުގެ ތުހުމަތެވެ.
އަންނަ މާޗް މަހު ބާއްވާ މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމި އެތައް ބޭފުޅުންނެއްވަނީ އެބޭފުޅުންގެ ނަންތައް އަނބުރާ ގެންގޮސްފައެވެ. ނަންތައް އަނބުރައި ގެންދިޔައީ ރައީސް އަބްދުލްފައްތާޙް އައްސީސީގެ ފަރާތްތަޕުޅުން އަންނަ ބާރުގަދަ ފިއްތުންތަކާ ގުޅިގެންކަމަށް ޚަބަރުތައް ބުނެއެވެ.
މިސްރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާން ކުރެއްވި މިސްރުގެ ކުރީގެ ބޮޑުވަޒީރު ޖެނެރަލް އަހުމަދު ޝަފީގު ވެސްވަނީ ފަހުން އޭނާގެ ނަން އަނބުރައި ގެންދަވާފައެވެ.

ރިޓަޔަޑް ޖެނެރަލް އަހްމަދު ޝަފީގް
ޖެނެރަލް ޝަފީގަކީ ދެހާސް ބާރަވަނަ އަހަރު ބޭއްވި މިސްރުގެ ރިޔާސީ އިންތިޚާބުގައި ޑޮކްޓަރ މުހައްމަދު މުރްސީ އާ އެންމެ ގާތުން ވާދަކުރެއްވި ކެންޑިޑޭޓެވެ. އެ އިންތިޚާބު ކާމިޔާބު ކުރައްވައިގެން 2012 ގައި މިސްރުގެ ވެރިކަމަށް ވަޑައިގެންނެވީ މުރްސީ އެވެ. ނަމަވެސް މުރްސީ އޭނާގެ ދިފާއީ ވަޒީރަކަށް ހަމަޖެއްސެވި ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ 2013 ގައި ގެންނެވި އަސްކަރީ އިންގިލާބެއްގައި މުރުސީގެ ވެރިކަން ވައްޓާލުމަށްފަހު މުރުސީ ވަނީ ޖަލަށްލާފައެވެ. މުރްސީއަކީ ޑިމޮކްރެޓިކް ވެރިއަކަށްވެފައި އޭނާއާ ދެކޮޅަށް ސީސީ ގެނައީ އަސްކަރީ އިންގިލާބެއް ނަމަެވސް ހުޅަނގުގެ ފިއްތުންތައް މިސްރަށް ކުރިމަތިވެފައެއް ނުވެއެވެ.
ސީސީ ފަހުންވަނީ މިސްރުގައި 2014 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު އަސްކަރީ ނުފޫޒު ބޭނުންކޮށްގެން ކާމިޔާބު ކުރައްވާފައެވެ. އެއިންތިޚާބު ބޭއްވީ މިސްރު ސިފައިންގެ ތާއީދު ސީސީ އަށް ވަރަށްބޮޑު ދުވަސްވަރެއްގައެވެ. އަދި އެއިންތިޚާބުގައި ބުރަދަންހުރި ބޭފުޅަކުވެސް ވާދައެއް ނުކުރައްވައެވެ. ނަމަވެސް ސީސީ ގެ ވެރިކަމުގައި މިސްރުގެ ހާލަތު ހުރިހާ ގޮތަކުންވެސް ދަށަށް ދިޔުމުން (ޚާއްސަކޮށް ޓެރަރިޒަމްގެ ހަރަކާތްތައް އިތުރުވެ މިސްރުގެ އގްތިސާދު ދަށަށްގޮސް އާންމު ދިރިއުޅުމުގެ ޙާލަތު ގޯސްވުމުން) ސިފައިންގެ ބައެއް އިސް ފަރާތްތަކުގެ ތާއީދު ސީސީ އަށް ގެއްލިފައިވެއެވެ.
ސީސީ އަށް ތާއީދުނުކުރާ ސިފައިންގެ އިސްފަރާތްތައް ތާއީދުކުރަނީ ރިޓަޔަޑް ޖެނެރަލް ސާމީ އަނާން އަށް ކަމަށްވެއެވެ. ޖެނެރަލް ސާމީ ހައްޔަރުކުރި މައްސަލާގައިވެސް އަދި ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުން އަނބުރައ އެބޭފުޅުންގެ ނަންތައް ގެންދަވާ މައްސަލާގައިވެސް ބޭރުގެ ފިއްތުންތައް މިސްރަށް އަންނާނެ ކަމަށް ނުބެލެވޭކަމަށް ތަޖްރިބާކާރުން ދެކެއެވެ.
މިމައްސަލާގައި އެމެރިކާއިން ވަނީ މިސްރުގެ ރިޔާސީ އިންތިޚާބު ނަޒާހަތްތެރިވާންޖެހޭ ކަމަށް ބުނެ ބަޔާނެއް ނެރެލުމަށްފަހު ފުއްދާލާފައެވެ. ޔޫރަޕްގެ ގައުމުތަކުންވެސް މިމައްސަލާގައި އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ހުޅަނގުގެ ގައުމުތަކަކީ ހަތިޔާރެއްގެ ގޮތުގައި ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ބޭނުންކުރަމުން ގެންދާ ގައުމުތަކެކެވެ. ހުޅަނގުގެ މަސްލަހަތު ރައްކާކުރާ ފަރާތަކީ ޑިކްޓޭޓަރެއް ކަމަށްވިޔަސް ހުޅަނގުން ތާއީދުކުރާނީ އެފަރާތަކަށެވެ. ނަމަވެސް ހުޅަނގުގެ މަސްލަހަތާ ފުށުއަރާނަމަ ޑިމޮކްރަސީއާއި އިންސާނީ ހައްގުތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން ހަމަނުޖެހުން އުފައްދައި މަސްލަހަތު ނަގާލައި ހުޅަނގުގެ ޕަޕެޓުން ވެރިކަމަށް ގެނައުމަށް ހުޅަނގުން މަސައްކަތްކުރާނެއެވެ.