24 Jan 2018, 20:16
ގައުމީ ޓީމުގެ މިޑްފީލަޑަރު އަސްހަދު އަލީ (އަޑުބަރޭ) ކްލަބު ގްރީން ސްޓްރީޓްސްއަށް ސޮއިކޮށްފިއެވެ.
ގްރީނަށް އޭނާ ސޮއިކޮށްފައިވަނީ މިއަދު ހަވީރު ޓާމިނަލް ކެފޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ގްރީންގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ދެހާސް ހަވަނަ އަހަރު ވިކްޓަރީ ސްޕޯޓްސް ކްލަބުން ސީނިއާ ކެރިއަރު ފެށި، އަޑުބަރޭ ވަނީ 2009 ވަނަ އަހަރު ވީބީ އައްޑޫ އެފްސީއަށް ބަދަލުވެފައެވެ.

އަޑުބަރޭ ގްރީނަށް ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ
އެ ކްލަބުގައި ވިދާލާ އަޑުބަރޭ ގައުމީ ޓީމުން ޖާގަ ހޯދީ 2007 ވަނަ އަހަރުގައެވެ. ގައުމީ ޓީމަށް މުހިންމު ރޯލެއް އަދާކުރި އަޑުބަރޭ ވަނީ މިހާތަނަށް ގައުމީ ޓީމާއެކު 52 މެޗު ކުޅެފައެވެ.
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގައި ވެސް މޮޅު ކުޅުމެއް ދައްކާފައިވާ އަޑުބަރޭ މިދިޔަ ދެ ސީޒަންވެސް ކުޅެފައިވަނީ މާޒިޔާއަށެވެ.
މިދިޔަ އަހަރު ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު އޭޝިއަން ކަޕުގެ ކޮލިފައިން މެޗުތަކުގައި ގައުމީ ޓީމުގެ ކެޕްޓަންކަން ވެސް ކުރި އަޑުބަރޭއަކީ ސްޓްރައިކަރެއްގެ އިތުރުން މިޑްފީލްޑަރަކަށް ވެސް ކުޅޭ ކުޅުންތެރިއެކެވެ.