25 Jan 2018, 09:56
ސައޮ ޕައުލޯ(ޖެނުއަރީ 25): ބްރެޒިލްގެ ކުރީގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑި ސިލްވާގެ މައްޗަށް ކުރި ކޮރަޕްޝަނުގެ ހުކުމް އިސްތިއުނާފު ކޯޓަކުން ދަމަހައްޓައިފި އެވެ.
އިއްޔެ އިސްތިއުނާފު ކޯޓުން ނިންމި ގޮތުގައި ލޫލާ ވަނީ ދައުލަތުގެ ތެޔޮ ކުންފުނި ޕެޓްރޯބްރާސްގެ ކޮންޓްރެކްޓެއް ކާމިޔާބު ކުރުމަށްޓަކައި، އިންޖިނިއަރިން ކުންފުންޏެއް ކަމަށްވާ އޯއޭއެސް އިން ލޫލާއަށް ދިން ބީޗްފްރޮންޓް ފްލެޓެއް ގަބޫލު ކުރައްވައިފައެވެ.
އެމައްސަލައިގައި މިދިޔަ އަހަރު އޮތް ޝަރީއަތުގައި ކޯޓުން ލޫލާގެ މައްޗަށް ކުރީ ނުވަ އަހަރާއީ ބައިގެ ޖަލު ހުކުމެއް ނަމަވެސް އިސްތިއުނާފު ކޯޓުން ވަނީ އެހުކުމް 12 އަހަރަށް އިތުރުކޮށްފައެވެ. އަދި އެހުކުމުގެ ސަބަބުން އޭނާ ވަގުތުން ޖަލަށް ވަޑައިގަންނަވަން ނުޖެހުނު ނަމަވެސް މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު ލޫލާއަށް ގެއްލިދާނެ އެވެ.
ދެހާސްތިން ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް ބްރެޒިލްގައި ވެރިކަން ކުރެއްވި ލޫލާ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާތައް ދޮގު ކުރައްވައި، އެއީ އޭނާ ރިޔާސީ ރޭހުން ދުރުކުރުމަށް ކުރިއަށްގެންދިޔަ ޝަރީއަތެއް ކަމަށް ވިދާޅުވެފައެވެ. އަދި އޭގެ ސަބަބުން އޭނާ ރޭހުގައި ވާދަ ކުރުން ނުހުއްޓުވޭނެ ކަމަށް ވިދާޅުވެފައެވެ.
ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި އަންނަ އޮކްޓޯބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ލޫލާ އެވެ. އަދި އިއްޔެ ކޯޓުގެ ނިންމުމުގެ ސަބަބުން ލޫލާއަށް ތާއިދު ކުރާ ގިނަ އަދަދެއްގެ މީހުން ވަނީ ނުރުހުންފާޅުކޮށް، މުޒާހަރާކޮށްފައެވެ. (ބީބީސީ)