27 Jan 2018, 09:13
ރާއްޖެ އާއި އިންޑިއާ އާ ދެމެދު އަބަދުވެސް އޮންނަނީ ގާތް ގުޅުމެއް ކަމަށާއި ރާއްޖެއަށް ބޮޑުކަމެއް ޖެހޭއިރު އަބަދުވެސް އެންމެ ގާތުގައި އޮންނަނީ އިންޑިއާ ކަމަށް ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
އިއްޔެ އަކީ އިންޑިއާގެ 69 ވަނަ ޖުމްހޫރީ ދުވަސްކަމަށްވާތީ އެ ދުވަސް ފާހަގަކުރުމުގެގޮތުން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ އިން ރޭ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ހަފްލާގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ނާޒިމް ވިދާޅުވީ ކާރިސާގެ ހާލަތުގައި ރާއްޖެއިން އެހީއަށް އެދި އަތްދިއްކޮށްލާ ފުރަތަމަ ގައުމަކީ އިންޑިއާ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް އަބަދުވެސް އެހީވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިިނިސްޓަރު ވިދާޅުވީ ރާއްޖެ އާއި އިންޑިއާ އާ ދެމެދު އޮތީ ހަމައެކަނި ބައިލެޓްރަލް ގުޅުމެއް ނޫން ކަމަށެވެ. ސަރަހައްދީ ރޮނގުގައި އަދި ބައިނަލްއަގުވާނީ މައިދާނުގައިވެސް ދެގައުމު ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އިންޑިއާގެ 69 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ އިން ރޭ ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ: ހެލްތް މިނިސްޓްރީ / ޓްވިޓާ
ރާއްޖޭގެ ތަރައްގީއަށްވެސް އިންޑިއާ އިން އެހީ ދޭ ކަމަށާއި ދެ ގައުމުގެ ގުޅުން ރަމްޒުކޮށްދޭ އެންމެ ބޮޑު ހެއްކަކީ އައިޖީއެމްޗް ކަމަށް ނާޒިމް ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ގިނަ އަދަދެއްގެ ކުދިން އިންޑިއާގައި ތައުލީމު ހާސިލް ކުރަމުންދާ ކަމަށާއި އިންޑިއާގެ މަސައްކަތްތެރިން ރާއްޖޭގައި ވަޒީފާ އަދާކުރަމުން ދާއިރު އެއީ ރާއްޖެ އަށް މުހިއްމު ބައެއްކަން މިނިސްޓަރު ފާހަގަ ކުރެއްވިއެވެ.
"އެންމެ ފާހަގަ ކުރެވެނީ ދެގައުމުގެ ރައްޔިތުންގެ ދެމެދުގައި އޮންނަ ގުޅުން،" ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮންނަ ގުޅުންތަކަށް އިޝާރާތްކުރައްވައި މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރުވެފައިވާ ކަމަށާއި ރާއްޖެއަކީ އިންޑިއާގެ ރައްޔިތުންގެ މެދުގައި މަގުބޫލު ޑެސްޓިނޭޝަނަކަށް ވެފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އިންޑިއާގެ 69 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ އިން ރޭ ބޭއްވި ހަފްލާގެ ތެރެއިން --- ފޮޓޯ: ހެލްތް މިނިސްޓްރީ / ޓްވިޓާ
"އިންޑިއާ އަކީ ހަމައެކަނި ސަރަހައްދުގައި މުހިއްމު ރޯލެއް އަދާ ކުރާ ގައުމެއް ނޫން. އިންޑިއާ އަކީ މުޅި ދުނިޔޭގައިވެސް ފާހަގަ ކުރެވޭ ވަރުގެ ގައުމެއް،"
މިނިސްޓަރު ނާޒިމް ވިދާޅުވީ އެތައް ބިލިއަން ބަޔަކު ރަށްވެހިވެފައިވާ އިންޑިއާ އަކީ ދުނިޔޭގެ ގައުމުތަކުން ނަމޫނާ އަކަށް ބަލާ ގައުމެއް ކަމަށެވެ.

އިންޑިއާގެ 69 ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީ އިން ރޭ ބޭއްވި ހަފްލާގައި ކުރީގެ ރައީސް މައުމޫނާއި ޔުމްނާ މައުމޫން --- ފޮޓޯ: ހެލްތް މިނިސްޓްރީ / ޓްވިޓާ
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ހަފްލާގައި ސަރުކާރުގެ އިސް ބޭފުޅުންގެ ގޮތުގައި ހެލްތް މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމްގެ އިތުރުން ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެ އިތުުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން އަދި ހަ މަސްދުވަހު ޖަލުގައި ހުންނެވުމަށްފަހު ޝަރުތު ތަކަކާއެކު އިއްޔެ ދޫކޮށްލި ރައީސް މައުމޫނުގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނުވެސް ރޭގެ ހަފްލާގައި ބައިވެރިވެލެއްވިއެވެ.