27 Jan 2018, 14:57
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފުލުހުންނަށް އަންގަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާއަކީ ގާނޫނު ތަންފީޒުކުރެއްވުމުގެ އެންމެ މަތީ ފަރާތް ކަމަށާއި އެހެންކަމުން ފާރިސް ހައްޔަރުކުރެއްވުމަށް ޝަރުއީ ކޯޓަކުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް ފުލުހުންނަށް ރައީސް ޔާމީން އަންގާފައިވާނެ ކަމަށެވެ.
ފުލުހުންގެ ފަރާތުން އެކަމާ ގުޅިގެން އަދިވެސް ވަނީ ޖަވާބެއް ނުލިބިފައެވެ.
ނަމަވެސް ފުލުހުންގެ ޓީމެއް މިހާރު އަންނަނީ ފާރިސް ދިރުއުޅުއްވާ މ. ސްނޯ ރޯސްގެ ހަ ވަނަ ފަންގި ފިލާގައި ހަރަކާތްތެރިވަމުންނެވެ.
ފާރިސް ހައްޔަރުކުރުމުގެ އަމުރު ތަންފީޒުކުރުމަށް ފުލުހުންނަށް ރައީސް އަންގަވާފައިވާއިރު ސޯޝަލް މީޑިއާގައި ވަނީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު އަރީފް އެކަމަށް ދެކޮޅު ހެއްދެވައި އިސްތިއުފާ ދެއްވާފައިކަމަށް ބުނެ އަޑު ފަތުރަމުންނެވެ.
ނަމަވެސް ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން ވިދާޅުވީ އަރީފް އިސްތިއުފާ ނުދެއްވާ ކަމަށާއި އޭނާ ހުންނެވީ ސާބިތުކަމާއި އެކު ފުލުހުންގެ ހިދުމަތުގައި ކަމަށެވެ. އަދި ފުލުހުންނާ ގުޅޭ ގޮތުން ސާބިތުނުހިފޭ ދޮގު ވާހަކަތައް ނުފެތުރުމަށް ޝިފާން ވަނީ ގޮވާލާފައެވެ.
ފާރިސް ހައްޔަރުކުރުމުގެ އަމުރެއް ނެރެފައިވާ ކަމަށް ރައީސްގެ ތަރުޖަމާނު ވިދާޅުވެފައިވާއިރު ފާރިސްގެ މައްޗަށް މިހާރު ވެސް އަންނަނީ ރިޝްވަތު ހުށަހެޅިކަމުގެ ދައުވާ އުފުލައި ޝަރީއަތް ކުރަމުންނެވެ. އެ މައްސަލާގައި މިދިޔަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކުރުމަށްފަހު ކޯޓުން ތިން ޝަރުތެއް ކޮށް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ދޫކޮށްލާފައެވެ.