އަމިއްލަ އެވޯޑުތަކެއް ހޯދަން މި ސީޒަންގައިވެސް ނުވިސްނާ ކަމަށާއި، ބޭނުންވަނީ ބާސެލޯނާއާއެކު ހުރިހާ ތަށްޓެއް ހޯދަން ކަމަށް އެޓީމުގެ ތަރި ލިއޮނަލް މެސީ ބުނެފިއެވެ.

މިހާތަނަށް ފަސްފަހަރަށް ބެލޮންޑިއޯ ހޯދާފައިވާ މެސީ ބުނީ ހަވަނަ ބެލޮންޑިއޯއަކަށް ނުވިސްނާ ކަމަށާއި، މި ސީޒަންގައިވެސް ބޭނުންވަނީ ބާސެލޯނާއާއެކު ހޯދެން އޮތް ހުރިހާ ތަށްޓެއް ހޯދުން ކަމަށެވެ.

މެސީ އިތުރަށް ބުނީ ސީޒަން ކުރިއަށް ދާ ގޮތާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށާއި، ބޭނުންވަނީ ސީޒަން އެންމެ ރަނގަޅަށް ނިންމާލުމަށް ކަމަށެވެ. މެސީ ބުނީ ބާސެލޯނާއިން މި ސީޒަންގައި ދައްކަމުންދާ ކުޅުމާއެކު އެޓީމަށް މި ސީޒަންގައި ކާމިޔާބު ލިބުން ގާތް ކަމަށާއި ފަހު މެޗާ ޖެހެންދެންވެސް މަސައްކަތް ކުރާނެ ކަމަށެވެ.

މިހާތަނަށް ސީޒަންގައި 26 ގޯލް ޖަހާފައިވާ މެސީއަށް މިއަހަރުވެސް އަމިއްލަ އެވޯޑުތަކެއް ލިބުން ގާތެވެ. އޭނާގެ އެންމެ ވާދަވެރި ކުޅުންތެރިޔާ، ކްރިސްޓިއާނޯ ރޮނާލްޑޯ މި ސީޒަންގައި ފެންނަނީ ވަރަށް ބޮޑަށް ފޯމު ކަޓާފައިވާ ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި ބާސާއާއި ރެއާލްގެ ނަތީޖާތަކަށް ބަލައި، މި ސީޒަންގައި ކާމިޔާބީތަކެއް ހޯދުން ގާތީ ބާސާއެވެ.

ލަލީގާ ތާވަލުގެ އެއްވަނައިގައި ބާސާ އޮތްއިރު އެޓީމުވަނީ ކޮޕާ ޑެލްރޭގެ ސެމީ ފައިނަލުން ޖާގަ ހޯދާފައެވެ. އަދި އަންނަ މަހުގައި ޗެމްޕިއަންސް ލީގު ގަދަ 16 ގައި ބާސާ ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.