ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރަކީ ގާނޫނު ތަންފީޒު ކުރުމުގައި ފަހަތަށް ޖެހޭނެ ސަރުކާރެއް ނޫންކަމަށް ސަރުކާރަށް ތާއީދު ކުރައްވާ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހާއި، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫން އަނެއްކާވެސް ހައްޔަރުކުރުމާ ގުޅިގެން ދެކެވެމުންދާ ވާހަކަތަކަށް އިޝާރާތް ކުރައްވައި، ޕީޕީއެމްގެ ސެކްރެޓަރީ ޖެެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް "ސަން"އަށް ވިދާޅުވީ މި ސަރުކާރަކީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާނެ ސަރުކާރެއް ނޫން ކަމަށާއި، ގާނޫނު ކުރިމަތީގައި އެންމެންވެސް ހަމަހަމަވާނެ ކަމަށެވެ.

"އިރާދަ ކުރެއްވިއްޔާ ރައީސް ޔާމިންގެ ދައުރުގެ ފަސް އަހަރު ފުރިހަމަވާން މިދަނީ. ރައީސް ޔާމީން އަކީ ގާނޫނު ތަންފީޒު ކުރުމުގައި ވަކި މީހަކަށް ބައްލަވާނެ ބޭފުޅެއް ނޫން. ކޮންމެ ބޭފުޅަކު ގާނޫނާ ޚިލާފު ވީނަމަވެސް ފިޔަވަޅު އަޅުއްވާ. ރައީސް ޔާމީނުގެ ވެރިކަން ދެމިއޮތުމުގެ އަސްލަކީ މިއީ،" ޚަލީލް ވިޑާޅުވިއެވެ.

އޭނާ ވިދާޅުވީ، ކުރީގެ ރައީސް ނަޝީދުގެ ސަރުކާރު ދައުރު ހަމަވުމުގެ ކުރިން ވެއްޓިގެން ދިޔައީ، ސަރުކާރުގެ އިސްވެރިން ކޮންމެ ކަމެއް ކުރެއްވި ނަމަވެސް ފިޔަވަޅު ނޭޅުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ.

ޕީޕީއެމްއިން މީގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި އެޕާޓީގެ މުސްތަޝާރު ރައީސް ޔާމީން، އެޕާޓީގެ ދެ ނައިބު ލީޑަރުންނާ އެކު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"ރައީސް ޔާމީނާއި ރައީސް ނަޝީދުގެ ތަފާތަކީ މިއީ. މަތީ ފަޑީގެ ބޭފުޅަކަސް، އާންމު ރައްޔިތަކަސް ގާނޫނު އަރާ ހަމަކުރުމުން އެމީހަކަށް އަދަބު ދެއްވާ. އާދައިގެ މީހުންނާ މަތީ ބޭފުޅުންނާ މި ސަރުކާރުން ތަފާތެއް ނުކުރޭ،"

ސިޔާސީ އޮއިވަރާ ގުޅޭގޮތުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްްދުލްރަހީމް އަބްދުﷲ (އަދުރޭ) ވެސް ޓްވީޓުކުރައްވައި ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

"ގާނޫނު ތަންފީޒު ކުރުމުގައި ފަންތިއަކަށް، ގިންތިއަކަށް ނުބަލާނެ. ހަމަހަމަ ކަމާއެކު ގާނޫނު ތަންފީޒު ކުރުމުގެ ފުދުންތެރިކަން ރައީސް ޔާމީނުގެ ސަރުކާރުގައި ހުންނާނެ" ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ތިން ޝަރުތަކާއެކު ބުރާސްފަތި ދުވަހު ކޯޓުން ދޫކޮށްލި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނު ކޯޓު އަމުރެއްގެ ދަށުން މިއަދު ވަނީ ހައްޔަރު ކޮށްފައެވެ. ފާރިސް ހައްޔަރު ކޮށްފައިވަނީ ރިޝްވަތު ބެހިކަމަށް ތުހުމަތުކުރެވޭތީއާއި ރާއްޖޭގެ އުފެދިފައިވާ ގާނޫނީ ސަރުކާރު، ގާނޫނާ ހިލާފަށް ވައްޓާލުމަށް ރާވާފައިވާ ކަމުގެ ތުހުމަތުގައެވެ.

ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް. ތިން ޝަރުތަކާއެކު ބުރާސްފަތި ދުވަހު ކޯޓުން ދޫކޮށްލުމަށްފަހު މިއަދު ވަނީ ހައްޔަރުކޮށްފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާޙް

ފާރިސް ހައްޔަރު ކޮށްފައިވަނީ އެމަނިކުފާނު ހައްޔަރު ކުރަން އުޅޭކަމަށް ހަބަރު ލިބޭކަމަށް ފާރިސްގެ ދައްތާފުޅު ޔުމްނާ މައުމޫނު މިއަދު ހެނދުނު ވިދާޅުވެފައިވަނިކޮށެވެ. މިގެ އިތުރުން އެފަދަ ހަބަރެއް ޕޮލިސްކޮމިޝަނަރު އަރީފްވެސް ދެއްވި ކަމށް ފާރިސް މިއަދު ވަނީ ވިދާޅުވެފައެވެ.

ފާރިސް ވިދާޅުވީ އޭނާ ހައްޔަރު ކުރަން އުޅެނީ ވުޖޫދުގައި ނެތް މައްސަލައެއް އުފަން ކޮށްގެންނެވެ.

ފާރިސް ހައްޔަރުކުރުމާ އެކު އިދިކޮޅުން ދައްކަމުްނދާ ވާހަކައަށް ރައްދު ދެއްވައި، ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގާނޫނީ ވެރިކަން ނަގަހައްޓައި، ދެމެހެއްޓުމަކީ ޑިމޮކްރަސީގެ އެއް އަސާސު ކަމަށާއި، އެއީ އަނިޔާވެރިވުން ނޫން ކަމަށެވެ.

"]އެއީ[އިންސާފުވެރިކަމާއި، އަމާނާތްތެރިކަމާ އެކު ވެރިކަން ކުރާ ވެރިއެއްގެ އެންމެ މަތީ ޒިންމާ،" މުއިއްޒު ވިދާޅުވިއެވެ.