29 Jan 2018, 11:12
ވިކްޓަރީ ސްޕޯޓްސް ކްލަބަކީ، ކުޅިވަރުގައި މީގެ ކުރިން ރާއްޖޭގައި ވަރުގަދަ ނަމެކެވެ. ހާއްސަކޮށް ދިވެހި ފުޓުބޯޅައިގައި ވިދުން ގަދަ ކްލަބެކެވެ. އެތަކެއް ލެޖެންޑަރީ ކުޅުންތެރިންތަކެއްގެ އިތުރުން އެތަކެއް ތާރީހީ ކޯޗުންނެއް ދިވެހި ފުޓުބޯޅައަށް ދޫކުރި ޓީމަކަށް ވިކްޓަރީ ވާނެއެވެ.
ދެހާސް އެގާރަ ވަނަ އަހަރުން ފެށިގެން ޑޮމެސްޓިކް ތަށްޓެއް ނުލިބި އޮތް ވިކްޓަރީގެ ނަން ވޭތުވެދިޔަ ސީޒަންތަކުގައި ދިޔައީ ފަނޑުވަމުންނެވެ. އަންނަ އަހަރުގެ ސީޒަން ފެށުމަށް މަދު ދުވަސްކޮޅަކަށް ވެފައިވާއިރު، ރާއްޖޭގެ ޓްރޮފީ ކެބިނެޓް އެންމެ ބޮޑު އެއް ކްލަބު، ވިކްޓަރީ ކޮބާ ހެއްޔެވެ؟ ތާރީހީ ސަޕޯޓަރުންނަށް ޓީމު އޮތްތަން ފެންނާނީ ކޮންއިރަކުންތޯ މިއީ ކުރެވޭ ސުވާލެކެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ތާރީހުގެ ތެރެއިން --- ފޮޓޯ/ މޯލްޑިވްސް ހިސްޓަރީ ފައިލް
ވިކްޓަރީގެ ތާރީހަށް ކަޅިއެއް!
ވިކްޓަރީގެ ތާރީހަކީ ދިވެހި ފުޓުބޯޅައިގައި އެންމެ ބޮޑު އެއް ތާރީހެވެ. އިބްރާހީމް އިސްމާއީލް، އަލީ ސުޒޭން އަދި މައުރޫފް އަހުމަދު (މާއްޓޭ) އާއި ސޮބާހް އިސްމާއީލް (ސޮބާ)ގެ އިތުރުން އަބްދުލް ޖަލީލު (އަބުޖީ) ފަދަ ނަންތައް ދިވެހި ފުޓުބޯޅައިގެ 'ހޯލް އޮފް ފޭމް'ގައި ލިޔެލައިދިން ވިކްޓަރީއަކީ ތާރީހީ ކްލަބެކެވެ. އެތައް ސަޕޯޓަރުންނެއް އޮތް ބޮޑު ކްލަބެކެވެ. ދިހަ ފަހަރެއްގެ މަތިން އޭޝިއާ ލެވެލްގައިވެސް ރާއްޖެ ތަމްސީލުކޮށްފައިވާ ވިކްޓްރީ ވަނީ ޑޮމެސްޓިކް ޓްރެބަލް ދެ ފަހަރަށް ކާމިޔާބުކޮށްފައެވެ. އެއީ 2000 އަދި 2001 ވަނަ އަހަރުގައެވެ.
ވިކްޓަރީ ވަނީ ރާއްޖޭގެ ޑޮމެސްޓިކް 33 ތަށި ހޯދުމުގެ އިތުރުން 1989 ވަނަ އަހަރުގެ ޕޮމިސް ކަޕުވެސް ކާމިޔާބުކޮށްފައެވެ. ގައުމީ ލީގުވެސް 23 ފަހަރަށް ކާމިޔާބުކުރި ވިކްޓަރީއަށް ފުޓުބޯޅައިގެ ރާސްތާ ބަނަވާން ފެށީ 2013 ވަނަ އަހަރު ކްލަބަށް އައި ކުއްލި ލޮޅުމަކާ އެކުގައެވެ. އެ ސީޒަންގެ ރެލިގޭޝަން ޕްލޭ އޮފްގައި ލީގު ނިންމާލި ވިކްޓަރީ ދެވަނަ ޑިވިޝަނަށް ނުގޮސް ސަލާމަތްވީ ކިރިޔާއެވެ. އޭގެ ފަހުން ކޮންމެ ސީޒަކަށްވެސް ވިކްޓަރީ ތައްޔާރުވިތަން ފެނުނީ ދުރު ރާސްތާ ޕްލޭނެއް ނެތިއެވެ. ކުއްލި ގޮތަކަށް ވީ ތައްޔާރީތަކުގެ ނަތީޖާއަކަށްވީ ކްލަބުގެ ދިގު ތާރީހު އިޔާދަ ނުކުރެވުމެވެ. 2014 ވަނަ އަހަރުގެ ސީޒަންގައި ގަދަ ހަތަރެއްގައި ލީގު ނިންމާލި ނަމަވެސް 2015 ގައި ވިކްޓަރީން ލީގު ނިންމާލީވެސް އިތުރު ކުރިއެރުމެއް ނުލިބިއެވެ. އަދި 2016 ވަނަ އަހަރު އަނެއްކާވެސް ވިކްޓަރީ ވެއްޓުނީ ރެލިގޭޝަން ޕްލޭ އޮފަށެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބު 1980 ގެ އަހަރުތަކުގައި: އެ ކްލަބަކީ އޭރު ރާއްޖޭގެ ފުޓުބޯޅައިގައި ގަދަ ބާރެއް --- ފޮޓޯ/ ފްލިކާ
މެނޭޖުމަންޓަށް ގެނައި ބަދަލުތަކަކާއެކު މިދިޔަ ސީޒަނަށް ވިކްޓަރީ ނުކުތީ ގިނަ އުންމީދުތަކަކާއެކުގައެވެ. ރާއްޖޭގެ ޓްރާންސްފާ މާކެޓްގައި ކުރި ވަރުގަދަ ޓްރާންސްފާތަކަކާއެކު އެ ކްލަބު ނުކުތީ ސީދާ ލީގަށް ވާދަކުރުމަށެވެ. ސީޒަންގެ ހުރިހާ ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ އޭއެފްސީ އޭ ލައިސަންސް ކޯޗު މުހައްމަދު ޝާޒުލީ (ޝާޒު)ގެ އިރުޝާދުގެ ދަށުންނެވެ. ނަމަވެސް ސީޒަން ފެއްޓުމަށް ހަފްތާއަކަށް ވެފައިވަނިކޮށް ކްލަބުގެ މެނޭޖުމަންޓުން ވަނީ ކޯޗުގެ ރޯލުން ޝާޒު ވަކިކޮށް ކްލަބުގެ ތާރީހާ ވަރަށް ބޮޑަށް ގުޅިފައިވާ އަލީ ސުޒޭން އެ މަގާމަށް ހަމަޖައްސައިފައެވެ. ސަޕޯޓަރުން ބޭނުންވާ ނުވަތަ ބޭނުންނުވި ނިންމުމަކަށް ވެސް ވެދާނެއެވެ.
ވިކްޓަރީން މިދިޔަ ސީޒަންގެ މާލޭ ލީގުގެ ގަދަ ހަތަރަކަށް ވާދަކުރި ނަމަވެސް، އެކަން ނުވެ ޕްރިމިއާ ލީގުގެ ޖާގަ ގެއްލުނު ހިސާބުން ވިކްޓަރީ ގެއްލުނެވެ. ވާނީވެސް އެހެނެވެ. ޓީމުގައި ތިބި ކުޅުންތެރިންގެ ތެރެއިން ގިނަ ކުޅުންތެރިން ޕްރިމިއާ ލީގު ކުޅުމަށް އެހެން ކްލަބުތަކަށް ދިޔައެވެ. އޭރުވެސް މިސީޒަނަށް ވިކްޓަރީގެ މާ ބޮޑު ތަސައްވަރެއް ހުރިހެން ހީއެއް ނުވެއެވެ.

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ކޯޗު އަލީ ސްޒޭން، އެ ކްލަބާ މިދިޔަ ސީޒަނަށް ހަވާލުވުމުގެ ތެރެއިން --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ
މިއަދު ވިކްޓަރީ ކޮބާ؟
ހަގީގަތުގައި ފުޓުބޯޅަ ކްލަބެއް، ފުޓްބޯޅަ ކްލަބަކަށް ވާނީ ސަޕޯޓަރުންނާ އެކުގައެވެ. ސަޕޯޓަރުން އަބަދުވެސް ބަލާނީ ކާމިޔާބީ ހޯދުމަށެވެ. ކްލަބަކަށް ސަޕޯޓަރުންކުރާ ސަޕޯޓަކީ ކާމިޔާބީއަށް ކުރާ ސަޕޯޓެވެ. އެތައް ދުވަހެއް ވަންދެން ރާއްޖޭގެ ފުޓުބޯޅައިގައި ކާމިޔާބީތައް ހޯދަމުންދިޔަ ވިކްޓަރީގެ ސަޕޯޓަރުންނަށް އެ ކްލަބު ގެއްލިއްޖެއެވެ. ކުރެވޭ އުންމީދުތައް ހީނަރުވެއްޖެއެވެ.
މިއަހަރުގެ ސީޒަނަށް ކްލަބުތަކުން ދަނީ ހޭލަ މޭލައަށް ތައްޔާރުވަމުންނެވެ. ކުޅުންތެރިން ހޯދުމާއި ކުޅުންތެރިން ގަތުމުގައެވެ. ނަމަވެސް ވިކްޓަރީގެ އަޑެއް ނެތެވެ. ފަހަރުގައި 'ސައިލެންޓް' ތައްޔާރުވުމަކަށްވެސް ވެދާނެއެވެ. އެހެން ނަމަވެސް ކްލަބުގެ ސަޕޯޓަރުންނަށް ކްލަބުގެ މަގު ޗާޓު ސާފުކޮށް ފެންނަން ޖެހެއެވެ. ސީޒަން ފެށުމަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު، ބިދޭސީ ކުޅުންތެރިން ގެނޭތޯ ނޫނީ ކުޅޭނެ ސްކޮޑުގެ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނެތެވެ. ޓީމަށް މިދިޔަ ސީޒަންގައި އިރުޝާދު ދިން އަލީ ސުޒޭން އަންނަ ސީޒަންގައި އިރުޝާދު ދޭނީ ކްލަބް ގްރީން ސްޓްރީޓްސްއަށެވެ. އޭނާގެ ޓީމާއެކު މިހާރު ވަނީ ފަރިތަކުރުންތައް ފަށައިފައެވެ.
ކޯޗެއްގެ ގޮތުގައި އަދި ކުޅުންތެރިއެއްގެ ގޮތުގައި ފެނުނު ސުޒޭނުގެ އިތުރުން އެ ކްލަބުގެ ތާރީހުން ޖާގަ ހޯދި ކުޅުންތެރިންތަކެއް މިހާރު ވެސް ފުރަތަމަ ޑިވިޝަންތަކުގެ ކޯޗިން ސްޓާފުގައި ހިމެނެއެވެ. ވިކްޓަރީގެ ޖާޒީގައި ވިދާލި ސޮބާހު މުހައްމަދު (ސޮބާ) އަންނަ ސީޒަނުގައި ކްލަބު ވެލެންސިއާގެ ކޯޗެއްގެ ގޮތުގައި ފެނިގެންދާ އިރު، މިދިޔަ ސީޒަނުގައި ވިކްޓަރީގެ ކޯޗަކަށް ފުރަތަމަ ހަމަޖެއްސި ޝާޒް ހުރީ ރާއްޖޭގެ ޔޫތު ޓީމާ ހަވާލުވެއެވެ. ފަހަރުގައި ވިކްޓަރީއާ ހަވާލުވަނީ ނަން މަޝްހޫރު ކޯޗަކަށް ނުވެދާނެއެވެ. ނުވަތަ ވިކްޓަރީގެ ކޯޗަކީ ބިދޭސީ ކޯޗަކަށް ވެސް ވެދާނެއެވެ.
2016 ވަނަ އަހަރު އެފްއޭ ކަޕްގައި ކްލަބް ވެލެންސިއާއާއި ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ
ގިނަ ކްލަބުތަކަކުން ބިދޭސީ ކުޅުންތެރިން ފައިނަލްކޮށް، މުޅި ސްކޮޑުވެސް ފައިނަލްކޮށް ފަރިތަކުރުންތަކަށް ނުކުމެފައިވާއިރު، ރާއްޖޭގެ އެންމެ ބޮޑު ތާރީހެއް އޮތް ކްލަބު، ވިކްޓަރީ އެ ސަފުން ނުފެނުމަކީ ދިވެހި ފުޓުބޯޅައަށް ލިބޭނެ ހީނަރު ކަމެކެވެ. ފުޓުބޯޅައިގެ ފޯރި ގަދަކުރުމަށް ކުރަމުންދާ މަސައްކަތަށްވެސް ލިބޭނެ ދެރައެކެވެ. ވިކްޓަރީއަށް ހެޔޮއެދޭ އެތައް ބަޔަކަށް ކްލަބު ދިރި އޮތްކަން ދައްކަން އެބަ ޖެހެއެވެ.