ކ. ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް ފޯނުތަކަކާއި ބައެއް ސާމާނު އެތެރެކުރަން އުޅެނިކޮށް، އެކަން ޖަލު އޮފިސަރުންނަށް ފަޅާއެރުމުން ފޯނުތައް މޫދަށް އުކާލުމަށްފަހު ފިލަން އުޅުނު މީހަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން ބުނީ، އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އޭނާ ހައްޔަރުކުރީ އައްސޭރި ޖަލަށް ފޯނުތަކެއް އެތެރެ ކުރަން އުޅޭކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުދަ ދުވަހު ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ އެ މީހާއަށް އައްސޭރި ޖަލުގެ މުވައްޒަފުން ފެނުމާއެކު ފިލަން ދުވެފައި ގޮސް އައްސޭރި ޖަލުގެ އުތުރުފަރާތު މޫދަށް އޭނާގެ އަތުގައި އޮތް ކޮތަޅެއް އެއްލާލާފައި ފިލަން މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް އެމީހާ ހައްޔަރުކޮށް މޫދަށް އެއްލާލި ކޮަތަޅު ބަލައި ފާސްކުރުމުން އޭގެ ތެރެއިން ނުވަ ފޯނާއި 12 ހެޑްސެޓާއި ހަތް ޗާޖަރުގެ އިތުރުން ފޯނާގުޅޭ އެހެނިހެން ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

އެ މައްސަލަ ހިންމަފުށީ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާއިރު ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުރާ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.