މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ސްޓޫޑަންޓް ޔޫނިއަން އިން ކުޅުުދުއްފުށީ ކެމްޕަހުގައި ހުންނަ ދަނާލުގައި ތިބޭ ދަރިވަރުންނާ ބައްދަލުކޮށް އެތަނުގައި އުޅޭ ދަރިވަރުންނަށް ދިމާވެފައިވާ ދަތިތައް އޮޅުންފިލުވައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ހުރި އެމްއެންޔޫގެ ކެމްޕަސް ތަކުގައި ތިބޭ ދަރިވަރުންނާއި ބައްދަލުކުރުމަށް މިހާރު ކުރިއަށްދާ ދަތުރުގެ ތެރެއިން ކުޅުދުއްފުށީ ދަނާލުގައި ތިބޭ ކުދިންނާ ބައްދަލުކޮށްފައިވަނީ މިއަދު އެވެ.

ޔޫނިއަންގެ ހިންގާ ކޮމިޓީގެ އިސްބައެއް ދަރިވަރުން މިއަދު ދަނާލުގެ ދަރިވަރުންނާ ބައްދަލުކޮށް ވަނީ އެ ދަރިވަރުން ތިބޭ ތަންތަނުގެ ހާލަތު ބަލާފައެވެ. އެގޮތުން ވަކިވަކިން އަންހެން އަދި ފިރިހެން ކުދިން ތިބޭ "ވިންގް" ތައް ބަލައި ވަނީ ޗެކްކޮށްފައެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި އުޅޭ ދަރިވަރުންނާއި އެމްއެންޔޫއެސްޔޫ އިން ބައްދަލުކުރުން--ސަން ފޮޓޯ/ މުހައްމަދު ސަމާހް

ސްޓޫޑަންޓް ޔޫނިއަންގެ ރައީސް އަރުޝަދު އަޝްރަފް ވިދާޅުވީ ޔޫނިއަން އިން އެންމެ އިސްކަމެއް ދެނީ ދަރިވަރުންގެ ކަންކަން ގާތުން ބެލުމަށް ކަމަށާއި ދަރިވަރުންނާ ވީހާވެސް ގާތުން ޔޫނިއަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށެވެ.

"މިއަދު ވަރަށް ގިނަ ކުދިންނާ ބައްދަލުކޮށް ވަރަށް ގިނަ މަޝްވަރާތައް ކުރެވިއްޖެ. އޭގެ ތެރޭގައި ވަރަށް ބޮޑަށް ފާހަގަވި ކުދިން ތިބީ ދަނާލުތަކުގައި ހިތްހަމަޖެހިގެންކަން. ކުދިކުދި ދަތިތައް އެބަހުރި. ނަމަވެސް ކެމްޕަހުގެ އިސްވެރިންވަނީ އެކަންކަން ހައްލުކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައި،" އަރުޝަދު ވިދާޅުވިއެވެ.

މިއީ ސްޓޫޑަންޓް ޔޫނިއަންގެ އެކްސްކޯއަކުން މިގޮތަށް ދަނާލަކަށް ޒިޔާރަތްކޮށް މިހާ ގާތުން ދަނާލުގައި ތިބި ދަރިވަރުންގެ ހާލަތު ބެލި ފުރަތަމަ ފަހަރު ކަމަށް އެ ޔޫނިއަން އިން ބުންޏެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި ހުންނަ އަންހެން ކުދިންގެ ދަނާލް--ފޮޓޯ/ މުހައްމަދު ސަމާހް

"މިއީ މިގޮތަށް ކުރިއަށް ގެންދާ ފުރަތަމަ ހަރަކާތް. މިކަން މި ކުރިއަށް ދަނީ ޔުނިވާސިޓީގެ އިސްވެރިންގެ ފުރިހަމަ އެއްބާރުލުމާ އެކު. ހަގީގަތުގައި ވެރިންގެ އެއްބާރުލުން މިފަދަ ކަންކަމަށް ވަރަށް ބޮޑަށް ލިބޭ،" އަރުޝަދު ވިދާޅުވިއެވެ.

ކުޅުދުއްފުށީ ކެމްޕަހުގައި ހުންނަ ދަނާލުގައި މިގަވުތު 30 އަންހެން ކުދިންނާއި ހަތަރު ފިރިހެން ކުއްޖަކު އުޅެއެވެ.

ޔޫނިއަން އިން މިހާރު ހދ. އަތޮޅަށް ކުރަމުންދާ ދަތުރުގައި އިއްޔެ ވަނީ ކުޅުދުއްފުށީ ކެމްޕަހުގައި ފުލްޓައިމް ކޮށް ކިޔަވާ 60 އަށް ވުރެ ހިނަ ކުދިންނާ ބައްދަލުކޮށް އެކިކަންކަމާގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.