29 Jan 2018, 16:28
ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް މާދަމާއަށް ތާވަލުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އަދީބުގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައި މިވަނީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ފުލުހުންނަށް އެމަނިކުފާނު ރިޝްވަތު ދެއްވާފައިވާ ކަމުގެ ތުހުމަތުކޮށެވެ.
ރިޝްވަތު ދިނުމުގެ ދައުވާގެ އިތުރުން އަދީބުގެ މައްޗަށް ވަނީ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުމުގެ ދައުވާ ވެސް އުފުލާފައެވެ. އެނގިފައިވާ ގޮތުގައި އެ ދައުވާ އަދީބުގެ މައްޗަށް އުފުލާފައިވަނީ އެމަނިކުފާނު ނައިބު ރައީސަކަށް ހުންނެވި އިރު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ފުލުހުންގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ ބައެއް ފުލުހުންނަށް ރިޝަވްތުދެއްވާއިގެން ބައެއް ކަހަލަ ނާޖައިޒު ފައިދާ ހޯދާފައިވާ ކަމުގެ ތުހުމަތުގައެވެ.
މޯލްޑިވްސް މާކެޓިންގް އެންޑް ޕަަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ހިޔާނާތުގެ މައްސަލާގައި މިދިޔަ އަހަރު ވަނީ ނުވަ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް ކޮށްފަ އެވެ. އަދި އެ މައްސަލަތަކުގެ ޝަރީއަތް މިހާރު ވެސް ދަނީ ހިނގަމުންނެވެ.
އަދީބުގެ މައްޗަށް ދައުލަތުން ގިނަ ތުހުމަތުތަކެއްކޮށް ދައުވާ އުފުލަމުންދާއިރު އޭނާގެ މައްޗަށް މިހާރު ވެސް ވަނީ 33 އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.