30 Jan 2018, 15:18
ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ޒުވާނުންގެ ނަމޫނާ މަޖިލީހެއް މި އަހަރުގެ މާޗު މަހު ބާއްވަން ނިންމައިފިއެވެ.
ހޯމް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ނަމޫނާ މަޖިލީހުގެ މައިގަނޑު މަގްސަދަކީ ޖުމޫހުރިއްޔަތެއްގައި ރައްޔިތުންގެ ބަސް އިއްވާނޭ މަޖިލީހެއްގެ މުހިންމުކަން މުޖުތަމައަށް އަންގައިދިނުމާއި ސަރުކާރުގެ ސިޔާސަތުގެ ދަށުން ޒިންމާދާރު ހަރުދަނާ ޒުވާން ލީޑަރުން ބިނާ ކުރުމާއި ހުޅުވާލެވިފައިވާ މިނިވަން މާހައުލެއްގައި ޒުވާނުންގެ ހިޔާލާތުތަކާއި ޝުއޫރުތައް އާންމު ރައްޔޮތުންނަށް ހިއްސާކުރުން ކަމަށެވެ.
މާޗު މަހުގެ 30 އަދި 31 ވަނަ ދުވަހު ބާއްވަން ހަމެހިފައިވާ މި މަޖިލީހުގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ރާއްޖޭގައި ރެޖިސްޓްރީ ކުރެވިފައިވާ ކޮލެޖް، ޔުނިވާސިޓީ އަދި ހައި ސްކޫލުތަކުގެ ދަރިވަރުންނަށް މި މަޖިލީހުގައި ބައިވެރިވެވޭނެއެވެ.
ހޯމް މިނިސްޓްރީން ބުނީ މަޖިލީހުގައި ބައިވެރިވާން ހުށައަޅާ ދަރިވަރުން ވަން ޖެހޭނީ އުމުރުން 18 އަހަރާއު 30 އަހަރާ ދެމެދުގެ ޒުވާނަކަށް ކަމަށެވެ. އަދި މަޖިލީހަށް ހޮވުމުގައި ދިވެހި ބަހަށް ދޫ ފަރިތަ، މައުލޫމާތު މުއްސަނދި ކުދިންނަށް އިސްކަން ދެވޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މިނިސްޓްރީން ބުނީ ނަމޫނާ މަޖިލީހުގެ އިންތިހާބީ ދާއިރާތައް ތަމްސީލު ކުރުމަށް ކުދިން ހޮވާނީ ޝަރުތުތައް ފުރިހަމަވަ ކުދިންގެ މެދުގައި އިންޓަވިއުކޮށްގެން ކަމަށެވެ.
އިއުލާނުގައި އިތުރަށް ބުނެފައި ވަނީ މަޖިލީހުގައި ބައިވެރިވާން އެދޭ ކުދިން އަންނަ މަހުގެ އަށް ވަނަ ދުވަހުގެ 13:00 ގެ ކުރިން ހޯމް މިނިސްޓްރީއަށް ސިޓީ ހުށައަޅަން ޖެހޭނެ ކަމަށެވެ. އަދި ސިޓީއާއެކު، ދަރިވަރު ތައުލީމު ހާސިލްކުރަމުންދާކަމުގެ ލިޔުމަކާއި އައިޑީކާޑުގެ ކޮޕީއެއް ވެސް ހުށައަޅަން ޖެހޭނެއެވެ.