31 Jan 2018, 09:25
ހުނަރުވެރި އެކްޓަރު އާޔޫޝްމަން ޚުރާނާ އާއި 'ދަންގަލް' އިން މަޝްހޫރުކަން ހޯދި ބަތަލާ ސާންޔާ މަލޯތުރާ އެކުގައި ފެނިގެންދާ ފިލްމު 'ބަދާއީ ހޯ'ގެ ޝޫޓިން ފަށައިފި އެވެ.
ފިލްމުގެ ޝޫޓިން ފެށިކަން ހާމަކޮށްފައި ވަނީ ފިލްމު ޕްރޮޑިއުސް ކުރާ ޖަންގްލީ ޕިކްޗާޒް އިން ކުރި ޓުވީޓެއްގަ އެވެ.
'ބަދާއީ ހޯ' ޑައިރެކްޓު ކުރާނީ ފިލްމު 'ތޭވަރު'ގެ ވެސް ޑައިރެކްޓަރު އަމިތު ޝަރްމާ އެވެ. ފިލްމުގައި ފެނިގެން ދާނީ އާއިލާ އަކަށް ލިބޭ ކުއްލި ޚަބަރެއްގެ ސަބަބުން އާއިލާގެ މެމްބަރުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތެވެ.
މިއީ އާޔޫޝްމަން އާއި ސާންޔާ އެކުގައި ފެނިގެންދާ ފުރަތަމަ ފަހަރެވެ.
އާޔޫޝްމަން ވަނީ މިދިޔަ އަހަރު ވެސް ރަނގަޅު ފިލްމުތަކެއްގައި މަސައްކަތްކޮށްފަ އެވެ. މިދިޔަ އަހަރު ރިލީޒް ކުރި ޖަންގްލީ ޕިކްޗާޒްގެ 'ބަރޭލީ ކީ ބަރްފީ'ގައި ވެސް ފެނިގެން ދިޔައީ އާޔޫޝްމަން އެވެ.
ސާންޔާ އެންމެ ފުރަތަމަ ފެނިގެން ދިޔައީ މިދިޔަ އަހަރުގެ ސުޕަހިޓް ފިލްމު 'ދަންގަލް' އިންނެވެ. އެއަށް ފަހު ސާންޔާ ފިލްމަކުން ނުފެނުމުން، އޭނާގެ ސަޕޯޓަރުން ތިބީ ސާންޔާގެ އިތުރު ފިލްމެއް ފެންނާނެ ދުވަހެއްގެ އިންތިޒާރުގައި ކެތްމަދުވެފަ އެވެ.
ސާންޔާ މިހާރު ވެސް އަންނަނީ ޑައިރެކްޓަރު ރިތޭޝް ބަޓްރާގެ ފިލްމެއްގައި މަސައްކަތް ކުރަމުންނެވެ. 'ބަދާއީ ހޯ' ވެގެން ދާނީ އޭނާގެ ތިން ވަނަ ފީޗާ ފިލްމަށެވެ.