02 Feb 2018, 18:55
ސައިރިކްސް ކޮލެޖުން މިދިޔަ އަހަރު ކިޔެވި 500 އަށް ވުރެ ގިނަ ދަރިވަރުން ދަސްވެނިވެ، ސެޓިފިކެޓް ހާސިލުކޮށްފި އެވެ.
ރޭ ދަރުބާރުގޭގައި ބޭއްވި ކޮންވޮކޭޝަން ރަސްމިއްޔާތުގައި ދަސްވެނިވި ކަމުގެ ސަނަދު، 22 ކޯހަކުން ދަސްވެނިވި ދަސްވެނިންނަށް ލިޔުން ވަނީ ޙަވާލުކޮށްދެއްވީ ސައިރިކްސް ކޮލެޖުގެ އެކިއެކި ސްކޫލްތަކުގެ އިސްވެރިންނާއި ރޭގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރު ޑރ. މުޙަންމަދު ޝަހީމް ޢަލީ ސަޢީދު އެވެ.

ސައިރިކްސް ކޮލެޖުން ހިންގާ ކޯސްތަކުން ތަޢުލީމީ ގޮތުން އެންމެ މަތީ ވަނަތައް ހޯދާ ދަރިވަރުންނަށްދޭ ޗެއާމަންސް އެވާޑް ފޯ ޓޮޕް އެޗީވްމަންޓް ތިން ދަރިވަރަކު ރޭ ހޯދި އެވެ. އަދި ޗެއާމަންސް އެވާޑް ފޯ އައުޓްސްޓޭންޑިންގް އެޗީވްމަންޓް ފަސް ދަރިވަރަކު ހޯދާފައިވެ އެވެ. އޭގެ އިތުރުން ޗެއާމަން އެވާޑް ފޯ އައުޓްސްޓޭންޑިންގް ޕްރޮޖެކްޓް ހަ ދަރިވަރަކު ވަނީ ހޯދައިފަ އެވެ. އަދި ސައިރިކްސް އިން ތަޢުލީމު ޙާޞިލުކުރުމަށް ފަހު، ރާއްޖެ އިން ބޭރުގެ ޔުނިވާސިޓީއަކުން މަތީ ވަނަ ހޯދާ ފަރާތްތަކަށްދޭ އެވޯޑު އެއް ދަރިވަރަކު ވަނީ ހޯދައިފަ އެވެ. މިއީ ރޭ އަލަށް ތަޢާރަފު ކުރި އެވޯޑެއް ކަމަށް ސައިރެކްސް އިން ބުންޏެވެ.
ސައިރިކްސްގެ އެންމެ ޚާއްޞަ އެއް އެވޯޑުގެ ގޮތުގައި ދެމުން އަންނަ އޮގަރުފާއިޒާ ޢަލީ އެވާޑް ފޯ އެކްސެލެންސް ހޯދި ދަރިވަރަކީ މާސްޓާސް އޮފް ބިޒިނަސް އެޑްމިނިސްޓަރޭޝަންގެ ދަރިވަރު ޙަސަން ވަޙީދެވެ.
ރޭގެ ރަސްމިއްޔާތުގައި މުޖުތަމައުގެ އެކިއެކި ކަންމުގައި އިސްކޮށް ހަރަކާތަތެރިވާ ހަތަރު ފަރާތަކަށް ސްއިރިކްސް ކޮމިއުނިޓީ ސްކޮލާޝިޕް ވަނީ ދީފަ އެވެ. އެގޮތުން ސްކޮލާޝިޕް ލިބުނު ޖަމްއިއްޔާތަކަކީ ޑައިބެޓިސް ސޮސައިޓީ އޮފް މޯލްޑިވްސް އާއި މޯލްޑިވްސް ރެޑް ކްރެސެންޓް އާއި ޞަދަގާތު ފައުންޑޭޝަނާއި ބިޔުޓިފުލް އައިސް ޑައުން ސިންޑްރޯމް އެސޯސިއޭޝަނެ އެވެ.